ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން މުބާރާތް ކަމަށްވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކެސްޓް، 150,000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު 2,000 އަށްވުރެ ގިނަ ގޭމަރުންނާއެކު ފަށައިފިއެވެ.
މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް ހުޅުވާލި މި މުބާރާތުގައި އެއްވަނައަށް ހޮވޭ ފަރާތަކަށް ޖުމްލަ 150,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދިރާގުން ފާހަގަކުރި ގޮތުގައި މިއީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ގޭމަރުންގެ ހުނަރު ދައްކައިލުމަށް ލިބިގެންދާ އަގުހުރި ފުރުސަތެކެވެ.
މި ފަހަރުގެ އިވެންޓުގައި ޕީސީ، މޯބައިލް ފޯނު އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މުބާރާތުގައި ހިމެނޭ މަޝްހޫރު ގޭމުތަކުގެ ތެރޭގައި ޕަބްޖީ މޯބައިލް، މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ރޮކެޓް ލީގް، އީއޭ ސްޕޯޓްސްގެ އެފްސީ 27 އަދި ޓެކެން ފަދަ ގޭމުތައް ހިމެނެއެވެ.