މަހުލޫފާއި އިލްހާމްގެ ޓެރަރިޒަމް ދައުވާގެ ޝަރީއަތް މިއަދު ފަށަނީ
ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންކަމަށްވާ އިލްހާމް އަހުމަދާއި އަހުމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތް މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މި ދެ ބޭފުޅުންގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 15:00 ގައެވެ.
ދަނގެތި ދާއިރާގެ މެންބަރު އިލްހާމްގެ މައްޗަށް ޓަރަރިޒަމްގެ ދައުވާއެއް އުފުލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގިކަމުގެ ދައުވާއެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަހުލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް އުފުލާފައިވަނީ މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާކުރި މައްސަލައެއްގައެވެ. މިކަމާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމުގެ ދައުވާއެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ މަހުލޫފު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މީގެ އިތުރުން، މަހުލޫފަށް ކުރާ އެހެން ދައުވާއެއްގެ މައްސަލައެއް ވެސް މިއަދު މެންދުރު ފަހަށް ވަނީ ތާވަލުކޮށްފައެވެ. އެއީ ހިނގާފައިނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިންކަމުގެ ދައުވާގެ ޝަރީއަތެކެވެ. ދައުލަތުން މަހުލޫފުގެ މައްޗަށް ދައުވާ އުފުލީ މާފުށީ ޖަލުގައި ގައިދީން މަރަނީކަމަށް ވިދާޅުވެ އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
އެ މައްސަލާގައި މަހުލޫފަށް ވަކީލުކަން ކުރައްވާ ނާޒިމް ޢަބްދުލްސައްތާރު ކުރެއްވި ޓްވީޓަކާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ރޭ އޭނާ ސަސްޕެންޑްކޮށްފައެވެ. އެހެންވެ މަހުލޫފު ވަނީ އެހެން ވަކީލުން ވެސް ސަސްޕެންޑްކޮށްފައިނެތީ ވަކީލުންތައް ވަކިކޮށް އަމިއްލައަށް މައްސަލައާއިގެން ކުރިއަށްދާން ނިންމައިފައެވެ.