އަމީން މިހެން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެދުގައި ބައެއް ކަންކަމާއިމެދު ހުރި ޚިޔާލު ތަފާތުވުންތައް ފާހަގަކޮށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅުވައިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އަމީން ވިދާޅުވީ ތަފާތު ދެ ވިސްނުމެއްގެ މެދުގައި ކުލުނާއި، ގުޅުން އުފެދެނީ ހުރި ތަފާތުތަކަށްވުރެ، ގަޔާވާ އެއްގޮތް ސިފަތަކެއްގެ ސަބަބުންކަމަށެވެ. ތަފާތު ދެ ވިސްނުމަކަށް އެކުގައި ކުރިއަށްދެވޭނީ ތަފާތުކަން ގަބޫލުކޮށް އެ ތަފާތުތަކަށް އިހްތިރާމްކޮށްގެންކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ނުރަނގަޅު، ރަނގަޅުކުރެވޭނީ ކެތްތެރިކަމާއިއެކު ވާހަކަދައްކައިގެންކަމަށެވެ.
ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރަށް އެމްޑީޕީއާއި ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަމުން ގެންދާއިރު، މިއީ ތަފާތު ފިކުރުތަކެއްކަމަށާ ހުރިހާ ކަމެއްގައި ޕާޓީތަކުން އެއްބަސްވާންނުޖެހޭކަމަށް އެ ޕާޓީތަކުގެ އިސް ބޭފުޅުން އަބަދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
ޕާޓީތައް އެކުގައި މަސައްކަތް ކުރަންފެށީ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ގާނޫނު އަސާސީއާއި ގާނޫނުތަކަށް ބަދަލު ގެނެސް، ސިޔާސީ ލީޑަރުން މައިދާނުން އެކަހެރިކޮށް، އެ ލީޑަރުން ހިފާ ހައްޔަރުކޮށް ދައުވާ އުފުލާ ޖަލުގައި ބަންދުކުރުމާއި، ގާނޫނާއި ޚިލާފަށް ގިނަ ކަންތައްތަކެއް ކުރަމުން ގެންދިއުމާއި، ރާއްޖޭގައި އިންސާނީ ހައްގުތައް ހަނިކޮށް، ގާނޫނު އަސާސީން ލިބިދީފައިވާ އެތަށް ހައްގުތަކެއް ހިފަހައްޓަމުންދިއުމާއި ގުޅިގެންނެވެ.
ޕާޓީތަކުގެ ގުޅުންތައް ބަދަހިވެ ހަރުދަނާވަމުންގޮސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމާ އެކަން މިހާރު ވަނީ އިއުލާނުކޮށްފައެވެ.
އަދި ޕާޓީތަކުގެ ވިސްނުމާއި، ރައްޔިތުންނަށް ހުށައަޅާ މެނިފެސްޓޯތައް ހާމަކުރަމުންދާއިރު، ޕާޓީތަކުގެ މެދުގައި ހުރި ދެބަސްވުންތަކާއި، ވިސްނުމާއި، މެނިފެސްޓޯގައި ހުރި ކަންބޮޑުވުންތައް ޕާޓީތަކުން ދަނީ ހާމަކުރަމުންނެވެ.
އެ ކަންބޮޑުވުންތައް ހައްލުކޮށް ގުޅިގެން އިންތިޚާބުގައި ކުރިއަށްދިއުމަށް ޕާޓީތަކުގެ އިސް ބޭފުޅުން ގެންދަވަނީ މަސައްކަތްކުރަމުންނެވެ.
Thafaathu dhevisnumegge medhugai kulunaa gulhun ufedhenee huri thafaathu thakavvure gayaavaa eggoiy sifathakuge sababun. Adhi ekugai kuriyah dhevenee thafaaathukan gaboolkoh ethafaathah ihuthiraam koggen. Nurangalhu rangalhu kureveynee keiytherikamaaeku vaahaka dhakkaigen.
ޚަބަރު: ވީނިޔުސް