ހުޅުމާލޭގައި ތޫނު ހަތިޔާރުން މާރާމާރީ ހިންގަން އުޅުނު ހަ މީހަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ހުޅުމާލޭގައި ތޫނު ހަތިޔާރުން މާރާމާރީ ހިންގަން އުޅުނު ހަ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ތޫނު އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުމެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ޖުމްލަ ހަ މީހަކު ގެންގޮސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، ހުޅުމާލޭ ދިއްގާމަގު ގޮނޑުދޮށް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރާއެކު މާރާމާރީއެއް ހިންގަން އުޅޭ ކަމުގެ ރިޕޯޓެއް އެ އިދާރާއަށް ލިބުނީ 25 ނޮވެމްބަރު ވީ ބުދަ ދުވަހުގެ ރޭ ގާތްގަނޑަކަށް 22:50 ގައެވެ. މި މައުލޫމާތާ ގުޅިގެން ފުލުހުންގެ ޓީމެއް ވަގުތުން އެ ސަރަހައްދަށް ގޮސް އޮޕަރޭޝަނެއް ހިންގާފައިވެއެވެ.

އެގޮތުން އެ ސަރަހައްދުން ފެނުނު މީހަކު ހުއްޓުވައި ފާސްކުރިއިރު، އޭނާ ހުރި ދިމާ ކައިރިން ވަޅިއަކާއި ބަޔޮނެޓް ކަޓަރެއް ފެނިފައިވެއެވެ. އަދި އޭނާ ލައިގެން ހުރި ސޯޓުގެ ޖީބު ބަލައިފާސްކުރި އިރު، މޫނު ނިވާކުރަން ބޭނުންކުރާ ހުޑް މާސްކެއް ވެސް ވަނީ ފެނިފައެވެ. އަދި އެ ސަރަހައްދު އިތުރަށް ބަލައި ފާސްކުރިއިރު، އެތަނަށް އެއްލާލާފައި އޮތް އިތުރު ދެ ބަޔޮނެޓް ވެސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ތޫނު ހަތިޔާރު ގެންގުޅެ މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އެ ސަރަހައްދުން ހައްޔަރުކުރި މީހާގެ އިތުރުން، މި މައްސަލައާ ގުޅުން އޮތް ކަމަށް ބެލެވޭ އިތުރު ފަސް މީހަކު ހުޅުމާލޭގެ އެކި ހިސާބުތަކުން ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި ފުލުހުން ދަނީ އިތުރަށް ތަހުގީގު ހިންގަމުންނެވެ.

މިއަދު އޮންލައިން