އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައި، ދިވެހިރާއްޖޭގެ މުހިންމު ދާއިރާތަކުގައި އިންވެސްޓް ކުރުމަށް ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ދަޢުވަތު ދެއްވައިފިއެވެ.
އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމުކުރި މި ބައްދަލުވުމުގައި، ރާއްޖެއާއި ބޭރު ޤައުމުތަކާ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު ވަނީ ދެއްވާފައެވެ.
ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތުގެ މުހިންމުކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ލިބޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި، ރާއްޖޭގެ އިޤްތިޞާދީ މުހިންމު ދާއިރާތަކަށް އިންވެސްޓްމަންޓް ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިޢާދަކުރަނިވި ހަކަތައިގެ އިތުރުން ޢުމްރާނީ ތަރައްޤީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން އިންވެސްޓް ކުރުމުގެ ފުރުޞަތުތައް ފަހިވެފައިވާކަން ބަޔާންކުރައްވައި، އެ ދާއިރާތަކުން އިންވެސްޓް ކުރުމަށް ސަފީރުންނަށް ދަޢުވަތު އެރުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދަމުންދާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް ޔިއަރ" ގެ ގޮތުގައި ފާހަގަކުރާ އަހަރުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެ މުނާސަބަތާ ގުޅުވައިގެން، ސަފީރުންނާއި އެބޭފުޅުންގެ ޢާއިލާތަކުގެ އިތުރުން ރަޙްމަތްތެރިންވެސް ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ޚާރިޖީ ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.