ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލް އަދި ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސިއްހަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ފަސް ސަރަހައްދެއްގެ ހޮސްޕިޓަލް މަތީ ފެންވަރަކަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އުނގޫފާރު، ގަން އަދި ތިނަދޫ ހޮސްޕިޓަލުގައި އަލަށް އަޅާ އިމާރާތްތަކުގެ ކުރެހުންތަކާއި ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. ސްޓޭޓް މިނިސްޓަރު ވިދާޅުވި ގޮތުގައި މި ވަގުތު ކުރިއަށްދަނީ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި ހޯދުމުގެ (ޕްރޮކިއުމަންޓް) މަރުހަލާއެވެ. އަދި ހުރިހާ ތައްޔާރީތަކަކާއެކު މި ހިނގާ އަހަރު ނިމުމުގެ ކުރިން މި ތިން ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެއެވެ.
މީގެއިތުރުން، ފަސް ސަރަހައްދެއްގެ ސިއްހީ ޚިދުމަތް ތަރައްގީކުރުމުގެ ޕްލޭނުގެ ދަށުން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތްތައް ވެސް މިހާރު ދަނީ ހިނގަމުންނެވެ. އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
އަދި ސައުދީ ފަންޑުގެ އެހީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޏ. ފުވައްމުލަކު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް 2027 ވަނަ އަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށް ވެސް ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.