9 އަހަރު ހުއްޓިފައި އޮތް ހުޅުމާލެ ވޯޓަރ ތީމް ޕާކުގެ މަސައްކަތް ވަޒީރު މުއްޠަލިބު ފައްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
9 އަހަރު ހުއްޓިފައި އޮތް ހުޅުމާލެ ވޯޓަރ ތީމް ޕާކުގެ މަސައްކަތް ވަޒީރު މުއްޠަލިބު ފައްޓަވައިދެއްވައިފި

ނުވަ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، ހުޅުމާލެ ވޯޓަރ ތީމް ޕާކުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އަލުން ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް ޢަލީ ޒުހައިރު ވިދާޅުވީ، ނުވަ އަހަރުގެ ދިގު މުއްދަތަކަށް ފަހު ހުޅުމާލެ ވޯޓަރ ތީމް ޕާކުގެ މަސައްކަތް އަލުން ފެށިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މި މަޝްރޫޢުގެ ޑިވެލޮޕަރ ކަމަށްވާ ސޮލެންޒަރާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވާހަކަދައްކަވަމުން ޑޫކް ވިދާޅުވީ، މިއީ ދިވެހި ޒުވާނުންނާއި ޢާއިލާތަކަށް ވަރަށް އުއްމީދީ މަޝްރޫޢެއް ކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި އެޗްޑީސީއާ އެކު ކުރެވުނު މަސައްކަތްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ހުޅުމާލޭގައި މިހާރު ހުސްވަގުތު ހޭދަކޮށްލުމަށް އެކަށީގެންވާ ތަނެއް ނެތް ކަމަށާއި، މި ޕާކު ވެގެންދާނީ ރާއްޖޭގެ މުޖުތަމަޢާ ވަރަށް ގުޅޭ ތަފާތު ތަނަކަށް ކަމަށެވެ.

ޖުމުލަ 41,549.7 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ދެ ބަޔަކަށް ބަހާލައިގެން ތަރައްޤީކުރާ މި މަޝްރޫޢަކީ ދިވެހި ޢާއިލާތަކަށާއި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހުޅުމާލޭގެ އައްސޭރިފަށުން އާ ތަޖުރިބާތަކެއް ހޯދައިދޭނެ ބިޔަ މަޝްރޫޢެކެވެ. މީގެ ތެރެއިން ހުޅުމާލެ ވޯޓަރ ތީމް ޕާކު ޚާއްޞަކޮށް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 17,800 އަކަމީޓަރުގެ ސަރަހައްދެއްގައެވެ.

މިއަދު އޮންލައިން