ހުޅުމާލޭގައި ތަރައްގީކުރާ ވޯޓާ ތީމް ޕާކް މަޝްރޫޢު ނިމޭއިރު، މުޅިން އައު 500 ވަޒީފާ އުފެއްދުމަކީ އަމާޒެއްކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ވޯޓަރ ތީމް ޕާކުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ މަޝްރޫޢުން އުފެދޭ ވަޒީފާތަކުގެ ތެރެއިން 85 އިންސައްތަ ވަޒީފާ ޚާއްސަކުރާނީ ދިވެހިންނަށް ކަމަށެވެ. އަދި އޭގެ ތެރެއިން 45 އިންސައްތަ ފުރުސަތު އަންހެނުންނަށް ޚާއްސަކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެޗްޑީސީގެ އަމާޒަކީ މި ޕާކު މެދުވެރިކޮށް އަހަރެއްގެ މައްޗަށް 120 އަށްވުރެ ގިނަ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާއަށް ތަމްރީނުކޮށް، ވަޒީފާގެ މާހައުލަށް ނެރުންކަމަށް މެނޭޖިންގ ޑިރެކްޓަރ ފާހަގަކުރެއްވިއެވެ.
ޖުމްލަ 41,500 އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ތަރައްގީކުރާ މި ޕާކުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ. އަދި މިއީ ދިވެހި ޢާއިލާތަކަށާއި ރާއްޖެ އަންނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
"މި ފެށީ މީގެ ކުރިން ފަޅުވެފައި އޮތް ބިމެއް ދިވެހި އާއިލާތަކަށް ހިތްފަސޭހަ އުފާވެރި މަންޒިލަކަށް ބަދަލުކުރުމުގެ މަސައްކަތް. ޒުވާނުންނަށާއި އެންމެހާ ދިވެހި ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތައް ހުޅުވި، ވިޔަފާރިތަކަށް އާ ދިރުމެއް ލިބި، ފަތުރުވެރިކަމުގެ އާ ބާބެއް ހުޅުމާލޭގެ އައްސޭރިފަށުން ފެށުމުގެ މަސައްކަތް. އާދެ، މިއީ ހުޅުމާލެއަށް އަންނަ އާ ދިރުމެއް. ކުދި ބޮޑު އެންމެހާ ރައްޔިތުންނަށް ލިބޭނެ އުފާވެރިކަމެއް،" ޒުހައިރު ވިދާޅުވިއެވެ.