ޙައްޖާއި ޢުމްރާގެ ޚިދުމަތްތަކަށް ޚާއްޞަ ޕޯޓަލް އިފްތިތާހުކޮށް، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ 3 ވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އަދި އެގްޒިބިޝަން ރަސްމީކޮށް ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޙައްޖާއި ޢުމްރާ ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. މި އަހަރުގެ ކޮންފަރެންސް ކުރިއަށް ގެންދަނީ "ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު: އުފެއްދުންތެރިކަމާއި ފުރިހަމަ އިންތިޒާމް" މި މަޢުޟޫޢުގެ ދަށުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނައިބު އުސާމް މުޙައްމަދު ސަޢީދު ވިދާޅުވީ، މި މަހާސިންތާއިން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު ލަނޑުދަނޑިއަކީ ޙައްޖާއި ޢުމްރާގެ އިދާރީ ނިޒާމު ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މަގުފަހިކުރުން ކަމަށެވެ. އަދި ދާއިރާއާ ގުޅުންހުރި އެކި ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް، ޙައްލު ހޯދަންޖެހޭ ކަންކަމަށް ފުރިހަމަ ޙައްލުތަކެއް ހޯދުމާއި ގުޅިގެން މަސައްކަތްކުރުމަކީވެސް މި ބައްދަލުވުމުގެ މުހިންމު އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މިއީ ވަރަށް އުންމީދީ މަހާސިންތާއެއްކަން ފާހަގަކުރައްވަމުން އުސާމް ވިދާޅުވީ، ރާއްޖޭގައި އިސްލާމީ ވަޙުދަތާއި ޝިޢާރުތައް މަތިވެރިކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން މި މަހާސިންތާއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ހަރަކާތެއް ކަމަށެވެ.