ގާނޫނުލްއުގޫބާތަށް ބޮޑެތި ބަދަލުތަކެއް: އަދަބުތައް ބޮޑު، ކުށްތައް އިތުރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 21ސ
ގާނޫނުލްއުގޫބާތަށް ބޮޑެތި ބަދަލުތަކެއް: އަދަބުތައް ބޮޑު، ކުށްތައް އިތުރު
ގާނޫނުލްއުގޫބާތަށް އަނެއްކާވެސް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއިސްލާހުތައް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީއެވެ.

މިއިސްލާހުތަކުގައި ވަނީ ގާނޫނުލްއުގޫބާތުގައި މިހާރު ހުރި ބައެއް ކުށްތަކުގެ އަދަބުތައް ބޮޑުކުރުމާ އެކު އާ ކުށްތަކެއް ގާނޫނުލްއުގޫބާތުގައި ހިމެނުމަށް ހުށަހަޅާފައެވެ.

ގާނޫނުލްއުގޫބާތު މިހާރު އޮތް ގޮތުން އެންމެ މަތީ ދަރަޖައިގެ ކުށް ކަމަށްވާ ޖިނާއަތުގެ އެއްވަނަ ދަރަޖައަށް ދެވޭ އެންމެ ބޮޑު އަދަބަކީ މަރުގެ އަދަބު ފިޔަވައި 25 އަހަރަށް ޖަލަށްލުމެވެ. އުމުރުދުވަހުގެ ޖަލުހުކުމަކީ 25 އަހަރު ކަމަށްވާއިރު 25 އަހަރުގެ ޖަލުހުކުމާއި އުމުރުދުވަހުގެ ޖަލުހުކުމް ވަކިކުރުމަށް އިސްލާހުގައި ވަނީ ހުށަހަޅާފައެވެ.

ގާނޫނުލްއުގޫބަތަށް ހުށަހެޅި އިސްލާހުތަކުގައި ވަނީ އަދަބުގެ ތާވަލަށް ވެސް ބޮޑު ބަދަލެއް ގެނައުމަށް ހުށަހަޅާފައެވެ. ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށަށް ދެވޭ އަދަބު 1 އަހަރާއި 4 މަހަށް ބޮޑުކުރުމަށް ހުށަހަޅާފައިވާއިރު އެކުށަށް މިހާރު އޮތީ 4 މަހާއި 24 ދުވަހުގެ ޖަލުހުކުމެވެ.

ޖިނާއަތުގެ އެއްވަނަ ކުށަށް އަސާސީ މިންގަނޑުން އިއްވާ 10 އަހަރުގެ ޖަލުހުކުމް 12 އަހަރަށް ބޮޑުކުރަން ވަނީ ހުށަހަޅާފައެވެ. ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށަށް މިހާރު އަސާސީ މިންގަނޑުން ދޭ އަދަބަކީ 6 އަހަރުގެ ޖަލު ހުކުމެކެވެ. އެ އަދަބު 10 އަހަރަށް ބޮޑުކުރަން ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރަށް ޖިނާއަތުގެ ތިންވަނަ ދަރަޖައަށް އަސާސީ މިންގަނޑުން ދޭ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމުގެ އަދަބު 6 އަހަރަށް ބޮޑުކުރުމަށާއި، ޖިނާއަތުގެ ހަތަރުވަނަ ދަރަޖައަށް މިހާރު ދޭ އަދަބު ކަމަށްވާ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލުހުކުމް 4 އަހަރަށް ބޮޑުކުރުމަށާއި، ޖިނާއަތުގެ ފަސްވަނަ ދަރަޖައިގެ ކުށްތަކަށް މިހާރު ކަނޑައެޅޭ އަސާސީ އަދަބު ކަމަށްވާ 9 މަހާއި 18 ދުވަހުގެ ޖަލުހުކުމް 2 އަހަރަށް ބޮޑުކުރަންވެސް ހުށަހަޅާފައި ވެއެވެ.

ގާނޫނުލްއުގޫބާތަށް އާ ކުށްތަކެއް އިތުރުކުރުމަށް ހުށަހަޅާފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އަމަލުގެ މުޅިން އާ ބާބެއް ގާނޫނަށް އިތުރުކުރަން ހިމަނާފައިވެއެވެ. މިގޮތުން ދައުލަތަށް ޚިޔާނަތްތެރިވުމުގެ ކުށާއި، ޖާސޫސް ކުރުމުގެ ކުށާއި، ބަޣާވާތް ކުރުމުގެ ކުށާއި، ސަރުކާރު ވައްޓާލަން ރޭވުމުގެ ކުށާއި، އަސްކަރިއްޔާއާ ދެކޮޅު ހަރަކާތްތައް ހިންގުމުގެ ކުށާއި، ކުލީ ސިފައިން ހޯދުމުގެ ކުށާއެކު މުޅި ޖުލްމަ ހަތް ކުށެެއް އެބާބުގައި ވަނީ ހިމަނާފައެވެ.

އިސްލާމް ދީނާ ދެކޮޅު އަމަލުތައް ހިންގުމުގެ ބާބަށް އިތުރުކޮށްފައިވަނީ މިސްކިތް ނޫން ތަންތަނުގައި އާދަވެގެން ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި، ހުކުރު ކުރުމުގެ ހުއްދަ ނެތް މިސްކިތެއްގައި ހުކުރު ނަމާދު ކުރުމާއި، ސިހުރު ހެދުމާއި ޖުވާ ކުޅުމަކީ ކުށެވެ. އަދި ގާނޫނާ ޚިލާފަށް ކައިވެނިކުރުމާއި، އުފަންވާ ކުދިން ވަގަށް ނެގުމާއި ފޮރުވުމަކީ ވެސް ގާނޫނުލް އުގޫބާތުގެ ދަށުން ކުށެއްގެ ގޮތުގައި މިއިސްލާހުތަކުގައި ހިމަނާފައިވެއެވެ.

ގާނޫނުލްއުގޫބާތުގައި ހިމެނޭ ޚާއްސަ ގާނޫނުތަކުގެ ތެރެއަށް ޓެރަރިޒަމްގެ ގާނޫނާއި، އިންތިޚާބީ ކުށްތައް ބަޔާންކުރާ ގާނޫނު އިތުރުކުރުމަށް ވެސް ވނީ ހުށަހަޅާފައެވެ.

ގާނޫނުލްއުގޫބާތަށް ގެނައުމަށް ހުށަހެޅި މިއިސްލާހުތަކުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ މަޖިލީހުގައި އިއްވާފައެވެ.

ޚަބަރު: ވީނިޔުސް
މިއަދު އޮންލައިން