މިނިވަން، އިންސާފުވެރި އަދި ދެފުށްފެންނަ އިންތިހާބެއް ބޭއްވުމުގެ ނިޔަތާއި ޤާބިލުކަން މިހާރު އޮތް އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި އެހެންކަމުން ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް އިންތިހާބުގެ ސައްޙަކަން ކަށަވަރު ކުރުމަށް މިނިވަން މުސްތަގިއްލު އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމަށް ސަރުކާރާ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އިން ގޮވާލައިފިއެވެ.
އެމްޑީޕީއިން މިކަމާއި ގުޅޭ ގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އިންތިހާބުގެ މިނިވަން އިންސާފުވެރިކަމާއި ދެފުށްފެންނަކަން ކަށަވަރު ކުރުމަށްޓަކައި ވޯޓު ހައްގުވާ މީހުންގެ ލިސްޓުގެ ސައްޙަކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.
ލިސްޓުގެ ސައްޙަކަން ކަށަވަރު ކުރުމަށްޓަކައި އައިޑީކާޑު ނަންބަރާއި، ނަމާއި، އެޑްރެސް ބަލާ އަޅާކިޔާ ޔަގީން ކުރަން ޖެހޭއިރު ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުކަމަށް ބުނެ އާންމުކޮށްފައިވާ ލިސްޓުގައި އައިޑީކާޑު ހިމަނާފައި ނުވާތ އެމައްސަލަ އެމްޑީޕީގެ ފަރާތުން ތަކުރާރުކޮށް އީސީއަށް ހުށަހަޅާފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.