އިދިކޮޅު ކޯލިޝަނުގެ ރަސްމީ ކެންޕޭން ހަރަކާތްތައް މިހަފްތާގައި ފެށޭނެ: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އިދިކޮޅު ކޯލިޝަނުގެ ރަސްމީ ކެންޕޭން ހަރަކާތްތައް މިހަފްތާގައި ފެށޭނެ: އިބޫ
އިދިކޮޅު ކޯލިޝަނުގެ ރަސްމީ ކެންޕޭން ހަރަކާތްތައް މިހަފްތާގައި ފެށޭނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އާއިއެކު މިރޭ ބޭއްވެވި ބައްދަލުވުމަކަށްފަހު އަދާލަތު ޕާޓީގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ ރަނިންގ މޭޓް ކަނޑައެޅުމުގެ ފުރުޞަތު ޖޭޕީއަށް ދީފައިވުމުން ރަނިންގ މޭޓް ކަނޑައަޅާނީ ޖޭޕީން ކަމަށެވެ. ނަމަވެސް ރަނިންގ މޭޓަކަށް ކަނޑައެޅިގެންދާނީ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުންވެސް އެއްބަސްވާ ކެންޑިޑޭޓަކު ކަމަށެވެ.



އިބޫ ވިދާޅުވީ ރަނިންގ މޭޓަކު ކަނޑައެޅުމުގެ ކަންކަން މިމަހުގެ 10 ވަނަ ދުވަހު ހަމަޖެހިގެންދާނެ ކަމަށާއި އެކަމުގައި މައްސަލަތަކެއް އުޅޭ ކަމަށް ޤަބޫލުފުލު ނުކުރައްވާ ކަމަށެވެ. "ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގައި ވެސް ތަފާތު ބޭފުޅުންގެ ނަންފުޅުތައް ކިޔައި އުޅުނު. ނަމަވެސް ކަނޑައެޅީމާ މިހާރު އެކަން ވަނީ އެންމެން ބަލައިގަނެ ނިމިފަ."



އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ މެނިފެސްޓޯ އެކުލަވާލައި ނިމިގެންދާނީ ހުރިހާ ޕާޓީތަކުންވެސް ހުށަހަޅާ ކަންތައްތައް ހިމެނިގެން ކަމަށެވެ. މައިގަނޑު މެނިފެސްޓޯއަކަށް ވާނީ އެމްޑީޕީގެ މެނިފެސްޓޯ ކަމަށާއި ނަމަވެސް ކުދިކުދި އިޞްލާޙްތައް އަންނާނެ ކަމަށެވެ. "ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ހުށަހެޅުއްވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަންތައްތަކެއް. އެއަކުވެސް މާބޮޑެތި ކަންބޮޑުވުންތަކެއް ނެތް. އެހެންވީމާ އެއީ އެއްވެސް މައްސަލައެއް ކަމަކަށްވެސް ނުދެކެން."

އަދާލަތު ޕާޓީގެ ނައިބް ރައީސް ޢަލީ ޒާހިރު ވިދާޅުވީ އެ ޕާޓީން ގެންދަނީ އެމްޑީޕީގެ މެނިފެސްޓޯ ދިރާސާކުރަމުން ކަމަށާއި ހުށަހަޅަން ފެންނަ އިޞްލާހުތައް އެޕާޓީންވެސް ހުށަހަޅާނެ ކަމަށެވެ.
މިއަދު އޮންލައިން