ހުޅުމާލެ އާއި މާލެ ފެނުގެ ވިއުގައިން ގުޅާލުމަށްޓަކައި، މައިހޮޅިތައް މަސައްކަތް އެމްޑަބްލިއުއެސްސީ އިން މިއަދު ފަށައިފިއެވެ.
މިކަމާއި ގުޅޭ ގޮތުން އެކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލެ ހުޅުމާލެ ފެނުގެ ވިއުގައިން ގުޅާލުމަށް މިއަދު މައިހޮޅިތައް ވަޅުލަން ފަށާފައިވާއިރު މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި މިއަދު ހޮޅިވަޅުލަން ފަށާފައިވަނީ އަމީނީ މަގު ބްރިޖާއި ގުޅޭ ކަންމަތިން ކަމަށެވެ.
ބްރިޖުގެ ތެރެއިން ހޮޅިލައިންތައް އެޅުމަށް އެމަސައްކަތް ހަވާލު ކޮށްފައިވަނީ ޗައިނާ ހާބަރ އިންޖިނިއަރިން އެންޑް ކޮންސްތްރަކްޝަން ކޮމްޕެނީއާއިއެވެ.
މާލެ ހުޅުމާލެ ފެނުގެ އެއްވިއުގައިން ގުޅާލާއިރު، ބްރިޖުގެ ތެރެއިން ފެންހޮޅިއާއި ފައިބަރ އޮޕްޓިކް ކޭބަލް އެޅުމުގެ މަސައްކަތް ނިންމުމަށް މުއްދަތު ދީފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށެވެ.
މިމަސައްކަތުގެ އަގަކީ 24 މިލިއަން ދިވެހި ރުފިޔާއެވެ.