ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ޑރ. ޝަހީމް ހަމަޖައްސަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ޑރ. ޝަހީމް ހަމަޖައްސަވައިފި
ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓަކަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހަމަޖައްސަވައި އެކަން އިއުލާން ކުރައްވައިފިއެވެ.

ރައީސް ޔާމީން މިކަން އިއުލާނުކުރައްވާފައިވަނީ މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލުގެ ކުއްލި ބައްދަލުވުމެއްގައެވެ.

ޑރ. ޝަހީމް މިހައިތަނަށް މަސައްކަތްކުރައްވާފައިވަނީ އިސްލާމީ ދާއިރާތަކުގައެވެ. ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ އިސްލާމިކް މިނިސްޓްރީ 2008 ވަނަ އަހަރު އުފެދުމާއިއެކު އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ހައިޞިއްޔަތުންނެވެ. އެމްޑީޕީގެ ސަރުކާރުން ކުރިމަތި ކުރުވި ހުރަސްތަކާއިއެކު މަޤާމުން އަމިއްލަފުޅަށް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެއަށްފަހު ދެން އައި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައި ޑރ. ޝަހީމް ވަނީ އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި މިސަރުކާރުގެވެސް ފުރަތަމަ އިސްލާމިކް މިނިސްޓަރަކީ ޑރ. ޝަހީމްއެވެ. މިސަރުކާރާއި އަދާލަތު ޕާޓީ އާއި ޖެހުނު މައްސަލަތަކުގެ ތެރެއިން ޑރ. ޝަހީމް ވަނީ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ. ސަބަބެއް ކަމަށް ބެލެވެނީ އެ މަޤާމު ލިބިވަޑައިގަތީ އަދާލަތު ޕާޓީއަށް ސަރުކާރުން ދިން ސްލޮޓެއްގެ ތެރެއިން ކަމަށްވުމެވެ.

ދުވަސްކޮޅެއްފަހުން އިސްލާމީ ޔުނިވަރިސޓީ އުފެދުމާއިއެކު ޑރ. ޝަހީމް ވަނީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަން ކުރައްވަން ފަށްޓަވައިފައެވެ. އަދި އެއިގެ ދުވަސްކޮޅެއް ފަހުން ޑރ. ޝަހީމް ވަނީ އެ ޔުނިވަރސިޓީގެ ޗާންސެލަރުކަން ކުރައްވަން ފަށްޓަވައިފައެވެ.

ޑރ. ޝަހީމް އަކީ ކީރިތި ޤްރްއާން ހިތުދަސްކުރައްވައިގެން ހުންނެވި ޙާފިޡެކެވެ. މަތީ ތަޢުލީމް ޙާޞިލުކުރައްވާފައިވަނީ އިސްލާމީ ޝަރީޢާ އިންނެވެ. ޑރ. ޝަހީމަކީ މަދީނާ ޔުނިވަރސިޓީ އާއި މެލޭސިޔާގެ އިސްލާމީ ޔުނިވަރސިޓީ ފަޚުރުވެރިވާ ދަރިވަރެކެވެ.

ޑރ. ޝަހީމް ރައްޔިތުންނަށް އަބަދުވެސް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އިސްލާމް ދީނަށް ޚިދުމަތްކުރެއްވުމުގެ ތެރެއިންނެވެ. ކޮންމެ މަޤާމެއްގައި ހުންނެވި ނަމަވެސް ޑރ. ޝަހީމް ވަނީ އިސްލާމް ދީން މަތިވެރިކުރެއްވުމަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ. އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނަވައިގެންވެސް ސަރުކާރުން ކުރާ އިސްލާމް ދީނާއި ތަޢާރަޒްވާ ކަންކަމުގައި ހައްޤު ބަސްފުޅު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އިސްލާމް ދީން މަތިވެރި ކުރެއްވުމުގައި ޑރ. ޝަހީމް ވަނީ މަޤާމަށް ބެއްލެވުމެއް ނެތި ހައްޤު ބަސްފުޅު ވިދާޅުވެފައެވެ.

ނައިބް ރައީސް ކަމަށް ޑރ. ޝަހީމް ހަމަޖެހިގެން ހިނގައްޖެނަމަ ރާއްޖޭގައި މިހާރު ހުރި ދީނީ ކަންބޮޑުވުންތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން