ޖުމްހޫރީ ޕާޓީގެ ކޮންމެ ނިންމުމެއްވެސް ވަރަށް ހަރުދަނާވާނެ: އަމީން އިބްރާހިމް
ޖުމްހޫރީ ޕާޓީން ނިންމާ ކޮންމެ ނިންމުމަކީވެސް ވަރަށް ހަރުދަނާ ނިންމުމަކަށްވާނެކަމަށާ ސިޔާސީ މައިދާނުގައި މަސައްކަތްކުރައްވާފައިވާ ކޮންމެ ބޭފުޅަކުވެސް އެކަމަށް ހެކިވާނެކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީ ބައިވެރިވާ ވެރިކަމެއްގެ ކޯލިޝަން އެއްބަސްވުމުގެ މައިގަނޑު އަސާސްތައް ހިމެނޭގޮތަށް 11 ހުށަހެޅުމެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުށައެޅުއްވުމުން އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅޭގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރަގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ސްކައިޕް މެދުވެރިކޮށް ޕްރަގްރާމްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީން މިހާތަނަށް ނިންމާފައިވާ ކޮންމެ ނިންމުމަކަށް ބަލާއިރުވެސް އެޕާޓީގެ ނިންމުންތައް ނިންމާފައިވަނީ ވަރަށް ހަރުދަނާކޮށް، ގައުމާއި ރައްޔިތުންގެ މަސްލަހަތުގައިކަމަށެވެ. އެހެންކަމުން މާޒީގެ ކަންކަމަށް ވިސްނާލާއިރު، ބަޔަކު ނިކުމެ ޖުމްހޫރީ ޕާޓީއަށް ފާޑުކިޔަންޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ސިޔާސީ މައިދާނުގައި މަސައްކަތްކުރައްވާފައިވާ ކޮންމެ ބޭފުޅަކުވެސް ޖުމްހޫރީ ޕާޓީގެ ނިންމުންތަކުގެ ހަރުދަނާކަން އިނގޭނެކަމަށާ ޖުމްހޫރީ ޕާޓީން ގޯހެއް ނުހަދާނެކަން ކަށަވަރުވާނެކަމަށެވެ.
"މިހާތަނަށް ޖުމްހޫރީ ޕާޓީން ނިންމާފައިވާ ނިންމުންތަކާއި، އަމަލުކޮށްފައިވާ ގޮތުން ސިޔާސީ މައިދާނުގައި މަސައްކަތްކުރެއްވި ކޮންމެ ބޭފުޅަކަށްވެސް ޔަގީންވާނެ ޖޭޕީގެ ނިންމުންތައް ވަރަށް ފާމްވާނެކަން. ހަރުދަނާވާނެކަން. ޕާޓީގެ ޑިޒިޝަން ރަނގަޅުވާނެކަން. އަޅުގަނޑު އެކަމުގެ ޔަގީންކަން އަރުވަން" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގައުމު އޮތީ ވަރަށް ނާޒުކު ހާލަތެއްގައިކަމަށާ މިއީ ދިވެހި ތާރީޚުދުށް އެންމެ ޚުދުމުހުތާރުވެރިކަންކަމަށެވެ. އަދި އަނިޔާވެރިކަން އިންތިހާއަށްގޮސް، ކުށެއްނެތި އެތަށް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބެމުންދާއިރު، ގައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކު މިއަދު އަދާވަތްތެރިކަން އިސްކޮށްގެން ނުވާނެކަމަށެވެ.
ކޯލިޝަން އެއްބަސްވުމުގެ މައިގަނޑު އަސާސްތައް ހިމެނޭގޮތަށް 11 ހުށަހެޅުމެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުށައެޅުއްވީ ވީހާވެސް ގިނަ ރައްޔިތުންގެ އެހީތެރިކަމާއި، ބައިވެރިވުމާއެކު ވެރިކަން ބަދަލުކޮށް، ގައުމުގައި ހަމަޖެހުން ގާއިމްކުރުމުގެ މަތިވެރި މަގްސަދުގައިކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގާސިމްގެ ހުށައެޅުއްވުމުގައި އެމްޑީޕީގެ މެނިފެސްޓޯއާއި ވަރަށް އެއްގޮތް ގިނަ ކަންތައްތަކާއި، މަދުން ނަމަވެސް އެގޮތް ނޫން ބައެއް ކަންކަން ހުރިނަމަވެސް އެއީ ހުރިހާ ލީޑަރުން މަޝްވަރާގެ މޭޒަށް އައިސް ހައްލުނުކުރެވޭނެ ކަންކަން ނޫންކަމަށެވެ. އަމީން ވިދާޅުވީ ގާސިމްގެ ހަގީގީ ވިސްނުމަކީ ގުޅިގެން މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ކާމިޔާބު ހޯދަން ފަސޭހަވާނެ ގޮތަކަށް ކުރިއަށްދިއުންކަމަށާ އެމްޑީޕީން ޖުމްހޫރީ ޕާޓީގެ ވިސްނުމަށް ފުރިހަމައަށް އިހްތިރާމްކުރާނެކަމާއިމެދު ޝައްކު ނުކުރައްވާކަމަށެވެ. އަދި މި ހުށައެޅުންތަކަކީ ވަކި ބައެއްގެ މެނިފެސްޓޯއަށް ނުވަތަ ވަކި ބައެއްގެ ވިސްނުމާއި ދެކޮޅަށް ކުރެއްވި "ޗެލެންޖެއް" ނޫންކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގާސިމްގެ ހުށައެޅުއްވުންތައް ހުރިހާ ޕާޓީތަކާއި، ލީޑަރުން ގަބޫލުކުރައްވާނެކަމަށާ އެ ހުށައެޅުންތަކަށް ރިޔާއަތްކޮށް ކޯލިޝަންގެ މެނިފެސްޓޯ ތައްޔާރުކުރެވިގެންދާނެކަން ޔަގީން ކުރައްވާކަމަށެވެ.
މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީން ވަނީ ކޯލިޝަން އެއްބަސްވުމަށް 11 ވައުދެއް ހުށަހަޅާފައެވެ.
މިގޮތުން އިސްލާމްދީނަށް އެއްވެސް މިންވަރެއްގެ އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރުމަށާއި، ދިވެހި ރައްޔިތުންނަށްޓަކައި 4 ޕާޓީ ވަކިނުވެ ރައްޔިތުންނަށްޓަކައި ހެޔޮލަފާ ކޯލިޝަން ވެރިކަމެއް ކުރުމަށް ހުށަހަޅާފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ އެފަދަ ވެރިކަމެއްގައި ޕާޓީތަކުން އެއްބަޔަކު އަނެއް ބަޔެއްގެ ޚިޔާލުތަފާތުވުންތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، އެއްވެސް ޕާޓީއެއްގެ އެއްވެސް ވަޒީފާއެއް ނުވަތަ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ހިއްސާއެއް އުނި ނުވަތަ ވަކި ނުކޮށް ރައްޔިތުންގެ އުންމީދުތަކާއެކު ރައްޔިތުންނަށް އޯގާތެރި ހެޔޮ ވެރިކަމެއް ކޮށްދިނުމަށް ޖޭޕީން ހުށަހަޅާ ކަމަށެވެ.
ޖޭޕީގެ ތިންވަނަ ވައުދަކީ ސަލާމަތީ ޚިދުމަތްތައް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބާރާއި ޚިދުމަތަށް ގާނޫނަކުންވިޔަސް ނުވަތަ އެނޫން ގޮތަކުންވިޔަސް އެއްވެސް އުނިކަމެއް ނުގެނެއުމެވެ. އަދި އެއްވެސް ހާލަތެއްގައި އެއްވެސް މިންވަރަކަށް ރާއްޖެއިން ބޭރުގެ ސިފައިން ދިވެހި ދައުލަތުގެ ޚިދުމަތަށް ނުގެނެއުމެވެ.
މީގެ އިތުރަށް އެއްވެސް ހާލަތެއްގައި އެއްވެސް މިންވަރަކަށް ރާއްޖެއިން ބޭރު ފަނޑިޔާރުން ރާއްޖޭގެ ފަނޑިޔާރުގެތަކަށް ފަނޑިޔާރުންގެ ގޮތުގައި ނުގެނެއުމަށާއި ސިޔާސީ ނުފޫޒުން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ފަނޑިޔާރުން މިނިވަންކުރުމަށް ވަނީ ހުށަހަޅާފައެވެ.
ދައުލަތުގެ ސްޓްރެޓީޖިކް އެއްވެސް އިންވެސްޓްމެންޓެއް، ގައުމުގެ އެއްވެސް މައި ދޮރާއްޓެއް ރާއްޖޭގެ އިސްތިގްލާލަށް ބުރޫއަރާނެ ފަދަ ގޮތަކަށް އެއްވެސް ބައެއްގެ އަތްމައްޗަށް ދޫކޮށް ނުލުމަށާއި، ދައުލަތުގެ މިފަދަ މުހިންމު ހުރިހާ އަސާސްތަކެއް ހުންނަންވާނީ އަބަދުވެސް ދިވެހި ދައުލަތާއި ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް ޖޭޕީން ބުނެއެވެ.
އަދި ބުނެފައިވަނީ ރާއްޖޭގެ ބިން ބޭރު ބަޔަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާއި، 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިނުލެވޭގޮތަށް ގާނޫނުއަސާސީގެ އަސާސީ ހައްގުތަކުގެ ބާބަށް އުނިކަމެއް ލިބޭނެފަދަ ގޮތަށް ގެނެވުނު އިސްލާހާއި، މީގެ އިތުރަށް 2008 ގައި ތަސްދީގު ކުރެވުނު ފެހި ގާނޫނުއަސާސީގެ އަސްލާއި އޭގެ ރޫހާ ޚިލާފު އެންމެހައި ކަންކަން އަލުން ގާނޫނުއަސާސީގެ އަސްލަށް ރުޖޫއަކުރުމަށް ހުށަހަޅާ ކަމަށެވެ. އޭގެ ތެރޭގައި ޚާއްސަކޮށް ރައްޔިތުންގެ އަސާސީ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށާއި، ޚިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމާއި، ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ މެންބަރުންގެ ހައްގުތަކާއި، ފަނޑިޔާރުގެއާއި ފަނޑިޔާރުންގެ ހައްގުތަކާއި، މުޅި ދައުލަތާއި ރައްޔިތުންގެ ހައްގުތަކަށް އުނިކަންލިބޭ ގޮތަށް ފާސްކުރެވުނު އެންމެހާ ގާނޫނުތަކާއި ގަވާއިދެއް އަލުން އިސްލާހު ކުރުމަށް ޖޭޕީން އެދެއެވެ.
އެއްވެސް ބާވަތެއްގެ މަސްތުވާތަކެއްޗެއް، ބާރުގަދަ ވިޔަސް ބާރު ކުޑަވިޔަސް ދިވެހި މުޖުތަމައުގައި ބަލައިނުގަތުމަށާއި، ކޯލިޝަން މެނިފެސްޓޯއެއް އިއުލާންކޮށް އެމެނިފެސްޓޯ ހުރިހާ ޕާޓީތަކުގެ ފަރާތުން ތަންފީޒުކުރުމަށާއި، އަދި އަނިޔާލިބި، މަރުވެ، ގެއްލުވާލެވި، ޖަލަށްލެވި، އަރުވާލެވި، މުދަލަށް ގެއްލުން ލިބުނު ހުރިހާ ރައްޔިތުންނަށް އިންސާފު ލިބިދެވި ދައުލަތުން އޭގެ ގެއްލުމުގެ ބަދަލު ލިބިދިނުމަށް ވެސް ޖޭޕީން ވަނީ ގުޅިފައިވާ ޕާޓީތަަކަށް ހުށަހަޅާފައެވެ.
މީގެ އިތުރަށް ޖޭޕީން ހުށަހަޅާ ވައުދުތަކުގެ ގޮތުގައި ވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ނުކުރުމަށާއި، ކޮމަންވެލްތުގައި އަލުން ބައިވެރިވެ، ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުންބަދަހިކޮށް މިނިވަން ޚާރިޖީ ސިޔާސަތެއް ގާއިމްކުރުމަށް އެދިފައެވެ. އަދި ކޯލިޝަން ސަރުކާރުގެ ބޮޑެތި ހުރިހާ ނިންމުމެއް ކޯލިޝަންގެ އިސްވެރިންގެ ކައުންސިލެއް އުފައްދާ އެކައުންސިލުން ފާސްކޮށް ކުރިއަށް ގެންދިއުމަށް ވެސް ޖޭޕީން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު:ވީނިޔުސް