ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ކޮންމެ ކަމެއް ގުޅުވުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން!
ދިވެހި ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބައަކު މިހާރުވެސް އެންމެ ބޮޑަށް ކަންބޮޑުވާ އެއް މައްސަލައަކީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައެވެ. އެ މައްސަލައިގެ ހަޤީޤަތް މިއަދާއި ހަމައަށް ވެސް ނުއެނގި އޮތުމަކީ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ އެއް މައްސަލައެވެ.
ހުމާމަށް މަރުގެ އަދަބު ދިނުމާއިމެދުވެސް ގިނަ ބައަކު ކަންބޮޑުވަނީ އެހިސާބުން އެ މައްސަލައިގެ ހަޤީޤަތް ހޯދޭނެ އެއްވެސް ގޮތެއް ނެތިގެންދާނެތީކަމަށް ޤަބޫލުކުރެވޭތީއެވެ.
މިފަދަ ކަމެއްގެ ތެރެއަށް އެކަމާއި އެއްވެސް ވަރަކަށް ގުޅުން ނެތް މީހުން ވައްދައި ހަޤީޤަތް އޮޅުވާލަން ނުވަތަ ހަޤީޤަތް އޮޅިގެންދާނެ ގޮތަށް ކަންކަން ކުރުމަކީ ކުރަން ރަނގަޅު ކަމެއް ނޫނެވެ. މި ގޮތަށް ދަންނަވަން މިޖެހުނީ ރައީސް ޢަބްދުﷲ ޔާމީނުގެ ރަނިންގ މޭޓަކަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހަމަޖެއްސުމުން ކުއްލިއަކަށް މިއަދު ޑރ. އަފްރާޝީމްގެ މަރާއި ޑރ. ޝަހީމް އާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދޮގު މައުލޫމާތުތައް ފަތުރަން ފެށުމުންނެވެ.
ޑރ. ޝަހީމް މިސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ އެ ސްލޮޓަކީ އަދާލަތު ޕާޓީއަށް ސަރުކާރުން ދިން ސްލޮޓަކަށްވެފައި އެ ސްލޮޓްގައި މަޤާމުގައި ހުންނެވުމަށް އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުންގެ ތެރެއިން ޕްރެޝަރު ލިބިވަޑައިގަންނަވަން ފެށުމުންނެވެ. އެއްވެސް ދެވަނަ ސަބަބެއް އޮވެގެނެއް ނޫނެވެ.
ޑރ. ޝަހީމް އެއިރު ވިސްނަވައިގެން ހުންނެވީ މަޤާމުން އިސްތިއުފާ ދެއްވުމަކަށްވެސް ނޫނެވެ. ސަރުކާރުގެ ތެރޭގައި ހުންނަވައިގެން ޝައިޚް އިމްރާނު ސަލާމަތް ކުރެއްވޭތޯ މަސައްކަތްޕުޅު ކުރެއްވުމަށެވެ. ނަމަވެސް އެ ފުރުޞަތު ދޫކޮށްލައްވަން މަޖުބޫރުވެވަޑައިގަތުމުން ދޫކޮށްލެއްވީއެވެ. ވީމާ ޑރ. ޝަހީމް މަޤާމުން އިސްތިއުފާ ދެއްވުމާއި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާއި ގުޅުވުމަކީ އެއްވެސް ގޮތަކުން ކުރެވޭނެ ކަމެއް ނޫނެވެ.
ހަމައެއާއިއެކު ޑރ. އަފްރާޝީމަކީ ޑރ. ޝަހީމް ވަރަށް ލޯބިފުޅުވާ ބޭފުޅެކެވެ. ޑރ. އަފްރާޝީމްގެ ބައެއް ވާހަކަފުޅުތަކާއި ގުޅިގެން އުފެދުނު މައްސަލަތައް ޑރ. އަފްރާޝީމަށް ބަޔާންކޮށްދެއްވައި ރައްޔިތުންގެ ލޯތްބާއި ތާއީދު އެންމެ ބޮޑަށް ލިބޭނެ ގޮތަށް ކުރިއަށް ވަޑައިގަތުމަށް ބާރު އެޅުއްވެވި އެއް ބޭފުޅަކީވެސް ޑރ. ޝަހީމް އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލި ރޭ ޓީވީއެމްގައި ވާހަކަފުޅު ދައްކަވަމުން ކުރިން ވިދާޅުވެވިފައި ހުރި ބަސްފުޅުތަކަށް މަޢާފަށް އެދިވަޑައިގަތް އެންމެ ބޮޑު ސަބަބަކީވެސް އެކަންކަން ކަމަށްވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
މިކަންކަން ހިނގައި ދިއައިރު އަޅުގަނޑަކީ އެބޭފުޅުންނާއި، ޑރ. އަފްރާޝީމާއި އަދި ޑރ. ޝަހީމާއި ވަރަށް ގާތުން މަސައްކަތްކުރި މީހަކީމެވެ. ކަމުގެ ހަޤީޤަތްތައް ވަރަށް ރަނގަޅަށް އެނގުމުގެ ނަސީބު ލިބުނު މީހެކެވެ. "ޑރ. އަފްރާޝީމަކީ ރައްޔިތުން ބަލައިގަންނަ ޢިލްމުވެރިއަކަށް މާތްﷲ ވާގިފުޅާއިއެކު ހަދާނަން. ގިޓާ އާއި މިޔުޒިކްގެ ވާހަކަ ދެން ނުދައްކަވާނެ އިންޝާ ﷲ! ޑރ. އަފްރާޝީމަކީ ވަރަށް ޤާބިލް، އުންމީދީ ބޭފުޅެއް! އެފަދަ ހީވާގި، ސާބިތު އިލްމުވެރިން ޤައުމަށް ލިބުމަކީ ވަރަށް ބޮޑު ނަޞީބެއް! އެފަދަ ބޭފުޅުންނަށް ހިއްވަރުދީ ކަންކަމުގައި ބައިވެރިކުރީމަ ޤައުމުގެ ކަންކަން ކުރިއަށް ދާނީ." ކަމަށް ވިދާޅުވެ ޑރ. ޝަހީމް، ޑރ. އަފްރާޝީމް އާއިމެދު ވިދާޅުވި ހެޔޮ ބަސްފުޅުތަކުގެ ރެކޯޑިންގ މިހާރުވެސް އަލުގަނޑުގެ އަތުގައި އެބަހުއްޓެވެ.