ފިތުނަ އުފެދޭ ގޮތަށް ފަތުވާގެ ނަމުގައި ވާހަކަތައް ނެރެ، ބައިބައިވުން އުފެދޭ ގޮތަށް ޚިޔާލުފާޅު ކުރުމަކީ ފަތުވާ ދިނުން ކަމުގައި ނުބެލެވޭ ކަމަށާއި ފަތުވާ އަކީ ކޮންމެ ކޮންމެ މީހަކަށް ނެރެވޭނެ އެއްޗެއް ނޫން ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާޣިރު ވިދާޅުވެއްޖެއެވެ.
"ފަތުވާއަކީ އަމަންއަމާންކަމުގެ ވަސީލަތެއް" މިނަމުގައި މިއަދު ރާއްޖޭގައި ފެށި ބައިނަލްއަގުވާމީ ފަތުވާ ކޮންފެރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒިޔާދު ވިދާޅުވީ، ފަތުވާގެ ނަމުގައި މުޖުތަމައުގައި ފިޔުނަ އާއި ބައިބައިވުން އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އެކި ޙިޔާލުތައް ފާޅުކޮށް ޝާއިއު ކުރަމުން އަންނަ ކަމަށެވެ.
މީގެއިތުރުން ފަތުވާ ދޭ ފަރާތްތަކަކީ ޢަރަބި ބަހާއި ދީނީ ޢިލްމާއި ފިގުހު ސުންނަތާއި އަދި ތަފްސީރާއި ޙަދީޘް ޢިލްމުވެސް ރަނގަޅަސް އެނގިތިބޭ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް ޑރ. ޒިޔާދު ވިދާޅުވިއެވެ.
"ފަތުވާއަކީ އަމާނާތެއް. ފަތުވައަކީ ﷲ ސުބްޙާނަހޫ ވަޠައާލާ އެކަލާނގެ ޙަޟްރަތުން މީސްތަކުންނަށް ޙުކުމްތައް އޮޅުން ފިލުވައިދޭކަމެއް. އެހެންކަމުން ފަތުވާގެ ސަބަބުން އެއީ ސަލާމަތާއި ރައްކާތެރިކަން ލިބިގެންދާން ޖެހޭނެ ކަމެއް. މުޖުތަމައި އެކުވެރި ކުރުވަން ޖެހޭނެ ކަމެއް. މުޖުތަމައު ބައިބައިވެ ފިތުނަ ފަސާދަ އުފައްދާ ވަސީލަތަކަށް ފަތުވާ ވެގެން ނުވާނެ" އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.