ޑރ. ޝަހީމް މިކަމަށް ގޮވާލެއްވީ އިސްލާމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފޮތް މައުރަޟް އިފތިތާޙްކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައެވެ.
އިސްލާމީ ޔުނިވަރސިޓީގައި މިއަދުން ފެށިގެން 2 ދުވަހަށް ކުރިއަށް ގެންދާ ފޮތް މައުރަޒު ހުޅުއްވައި ދެއްވުމަށްފަހު ޑރ. ޝަހީމް ވިދާޅުވީ ކީރިތި ޤްރްއާނުގެ ފުރަތަމަ އާޔަތަކަށް ވަޙީ ކުރެއްެވެވީ "އިޤްރައު" މިއާޔަތް ކަމަށެވެ. "މިއާޔަތުގައި ﷲ ތަޢާލާ އަންގަވާފައިވަނީ ކިޔާށެވެ. މާނައަކީ ފޮތްތައް ކިޔާށެވެ. އިންސާނީ ޙަޟާރަތުގެ އެންެމެ މަތިވެރި އަސާސަކީ ﷲ ފަތުރުއްވަވާފައިވާ ޢިލްމް. ޙަޟާރަތް ދެމިގެން ދިއުމުގެ އަސާސަކީވެސް ޢިލްމް. އަދި އިންސާނީ ޙަޟާރަތް ބިންމަތީގައި ތަރައްޤީވުމުގެ އަސާސަކީވެސް އިލްމް. ޢިލްމު ޙާޞިލުކުރެވޭނީ ފޮތްކިޔައިގެން."
ޑރ. ޝަހީމް ވިދާޅުވީ ޜާއްޖޭގައިވެސް ލިޔެވިފައި ހުރި ފޮތްތައް އެބަހުރި ކަމަށާއި ނަމަވެސް ދިރާސާތަކުގެ މައްޗަށް ލިޔެފައި ހުރި އިލްމީ ފޮތްތައް ވަރަށް މަދު ކަމަށެވެ. އެހެންކަމުން އައިޠޫއެމް އާއި އެހެންވެސް ފަރާތްތަކުން މިހާރު ދަނީ އެފަދަ ފޮތްތައް ޝާޢިއުކުރުމަށް މަސައްކަތްކުރަމުން ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ފްލައިޓް މަތީގައިވެސް އަދި ރިޒޯޓުތަކުގެ ގޮނޑުދޮށުގައިވެސް ތިބެނީ ފޮތްތައް ހިފައިގެން ކިޔަން ކަމަށެވެ. ނަމަވެސް ދިވެހިން ތިބެނީ ފިލްމް ބެލުން ފަދަ ކަންކަމުގައި ކަމަށެވެ.
ޑރ. ޝަހީމް ވަނީ އެގޮތްތައް ބަދަލުކޮށް އިތުރު މައުލޫމާތެއް ލިބޭނެ ގޮތަކަށް ވަގުތުގެ ބޭނުން ހިފަން ފެށުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި ދަރިވަރުންނަކީ ބޭނުންތެރި ފޮތްތައް ތަކުރާރުކޮށް ގިނަގިނައިން ކިޔާ ބައަކަށް ވުމަށްވެސް ޑރ. ޝަހީމް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ޑރ. ޝަހީމް ވިދާޅުވީ މިފަދަ ފޮތް މައުރަޒެއް އައިޔޫއެމުން ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ދަރިވަރުންނަށް ބޭނުންތެރި ފޮތްތައް ވީހައި ހެޔޮ އަގެއްގައި ލިބޭނެ ގޮތް ފަހިކޮށްދިނުން ކަމަށެވެ.