މައްޗަންގޮޅި/ މަޖީދީ މަގުގައި ހުރި ޒިކުރާ މިސްކިތް ހުރިތަނުގައި "ދާރުއްޒިކުރާ"ގެ ނަމުގައި 10 ބުރިއަށް އިމާރާތެއް ކުރަން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިސްލާމީ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ވިދާޅުވީ މި އިމާރާތުގެ 3 ބުރީގައި ހުންނާނީ މިސްކިތް ކަމަށާއި 7 ބުރީގައި ހުންނާނީ އޮފީސް އިމާރާތްތައް ކަމަށެވެ.
ޑރ. ޒިޔާދު ވިދާޅުވީ ވަޤްފް ބިނާއެއްގެ ގޮތުގައި އިމާރާތްކުރާ މިއިމާރާތް އަޅަން 130 މިލިއަން ރުފިޔާ ޚަރަދުވާނެ ކަަމަށާއި އެއިގެ ތެރެއިން 30 މިލިއަން ރުފިޔާ ޚަރަދުކުރާނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ. ބާކީ ފައިސާ ޚަރަދުކުރާނީ ކޮންޓްރެކްޓަރު ކަމަށެވެ.
ބޭސްމަންޓްގައި ޕާކުކުރެވޭ ގޮތަށް އަޅާ މިއިމާރާތުގެ މިސްކިތަށް ޚާއްޞަކުރެވޭ ބައިގައި އަންނަ ރޯދަމަހު ނަމާދުކުރަން ފެށޭނެ ކަމަށްވެސް ޑރ. ޒިޔާދު ވިދާޅުވިއެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވަނީ ހުރިހާ މަސައްކަތެއް 25 މަސް ދުވަހުން ނިންމާ ގޮތަށެވެ. އަދި މި އެއްބަސްވުން އެކުލަވާލަން 30 މަސް (ދެ އަހަރާ ބައި) ދުވަހު މަޝްވަރާކޮށްފައިވާ ކަމަށްވެސް ޑރ. ޒިޔާދު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމަށްވެސް ނޫސްވެރިން ގެންދިއަ ނަމަވެސް އިސްލާމިކް މިނިސްޓްރީން މިހާރު އަމަލުކުރާ ޢާންމު އުޞޫލާ އެއްގޮތަށް އެއްވެސް ސުވާލެއް ކުރުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ.