މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން މިފަހަރުގެ އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ ދިވެހިރާއްޖޭގެ އިސްލާމީ ހުރިހާ ކަންތައްތަކެއް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަޅުގަނޑާއި ޙަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓްކަން ޤަބޫލުފުލުކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް މިއަދު މެންދުރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ޑރ. ޝަހީމް ވިދާޅުވީ އެއިގެ އިތުރުން އިޖުތިމާޢީ ވުޒާރާތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތަކީ ނައިބް ރައީސް އަބަދުވެސް އަދާކުރައްވާ މަސްއޫލިއްޔަތަކަށްވާތީ އެކަން އެގޮތަށް ދަމަހައްޓަވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ. ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ކަންކަން ކުރިއަރުވަން މީގެ ކުރިން ރައީސް ޢަބްދުﷲ ޔާމީން ހަވާލުކުރެއްވި މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައިވެސް ދަތިކަމެއް ކުރިމަތިވެވަޑައިގެންފައި ނެތުމުން ކުރިއަށް އޮތް ތަނުގައި ވެސް ހައްޤު ގޮތުގައި މަސައްކަތްޕުޅު ކުރެއްވެވޭނެ ކަމުގެ ޔަޤީންކަމުގައި ހުންނެވި ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން މިފަހަރުގެ އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ ދިވެހިރާއްޖޭގެ އިސްލާމީ ހުރިހާ ކަންތައްތަކެއް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަޅުގަނޑާ ޙަވާލުކުރައްވާނެ ކަމަށް. އެއިގެ އިތުރުން އިޖުތިމާޢީ ވުޒާރާތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތަކީ ނައިބް ރައީސް އަބަދުވެސް އަދާކުރައްވާ މަސްއޫލިއްޔަތަކަށްވާތީ އެކަން އެގޮތަށް ދަމަހައްޓަވާނެ ކަމަށް."
ޑރ. ޝަހީމް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް އިސްކަން ދެއްވަނީ އިސްލާމް ދީނަށް ޚިދުމަތް ކުރެއްވުމަށް ކަމަށާއި މިފުރުޞަތުގެ ބޭނުންފުޅު ކުރެއްވެވީވެސް އެ މަޤްޞަދުގައި ކަމަށެވެ. އިސްލާމީ ދާއިރާއިން ރާއްޖޭގައި ރަނގަޅުކޮށް އިޞްލާޙްކުރަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ އެމަނިކުފާނުގެ އަޒުމަކީ ހުރި މައްސަލަތައް އިޞްލާޙްކުރެއްވުން ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަވާނީ ވެސް އެއަޒުމުގައި ކަމަށެވެ.
މިއީ ހުރިހާ ދީނީ އިލްމުވެރިންވެސް "އަޅުގަނޑުގެ ފަޅިއަށް" އަރަންވީ ވަގުތު ކަމަށް ވިދާޅުވެ އެމަނިކުފާނާއި ގުޅިވަޑައިގަތުމަށް ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިންނަށް ޑރ. ޝަހީމް ވަނީ ދައުވަތު ދެއްވައިފައެވެ.
ޑރ. ޝަހީމް ވިދާޅުވީ އިންތިޚާބު ކާމިޔާބުވެ ނައިބް ރައީސްކަން ލިބިވަޑައިގެންފިނަމަ ވަފާތެރިކަމުން މިސާލު ނެގޭނެ އިޚްލާޞްތެރި ޚިދުމަތްތެރިއެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ނައިބް ރައީސްގެ ވަޒީރުންނާއި މަޖިލިސް މެންބަރުން ނުގެންގުޅުއްވާނެ ކަމަށާއި ދައުލަތަށް ޚިދުމަތް ކުރައްވާނީ ސަރުކާރުގެ ޓީމުގައި ހުންނަވައިގެން ކަމަށެވެ.
"އެހެންވީމާ، އެގޮތަށް މަސައްކަތްކުރީމާ ކުރިމަތިވާނެ އެއްވެސް ނުރައްކަލެއް އޮންނާނެ ކަމަކަށް އަލުގަނޑު ޤަބޫލެއް ނުކުރަން." ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.