ޖަޕާނަށް ކުރިމަތިވެފައިވާ ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމާއި ގުޅިގެން އެތައް ބަޔަކު މަރުވެ، އެތައް ބައެއްގެ މުދަލަށާއި ގެދޮރަށް އަދި އިމާރާތްތަކަސް ބޮޑެތި ގެއްލުންތައް ލިބުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި ސަރުކާރަށާއި، ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލް ޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އިޚްލާސްތެރި ކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
ޖަޕާނަށް މިވަގުތު ކުރިމަތިވެފައިވާ ހާދިސާއިން ސަލާމަތްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކާމިޔާބުކަމާއެކު ރަނގަޅަށް ކުރިއަށް ދިޔުމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެ، އެޤައުމުގެ ރައްޔިތުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ދުޢާ ކުރައްވާ ކަމުގައި ވެސް ހާމަކުރައްވާފައިވެއެވެ.
މީގެއިތުރުން، މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށް ވެސް ރައީސް ޔާމީންގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.