ސަރުކާރާ ގުޅެން ޝައިޚް އިމްރާނަށާ ޝައިޚް އިލްޔާސަށް ޑރ. ޝަހީމް ދައުވަތު ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ސަރުކާރާ ގުޅެން ޝައިޚް އިމްރާނަށާ ޝައިޚް އިލްޔާސަށް ޑރ. ޝަހީމް ދައުވަތު ދެއްވައިފި
ސަރުކާރާއި ގުޅިވަޑައިގަންނަވަން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އަށާއި އަދާލަތު ޕާޓީގެ ދީނީ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން އަށް ރައީސް ޔާމީނުގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދައުވަތު ދެއްވައިފިއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީމް ވިދާޅުވީ އެމަނިކުފާނަކީ އަދާލަތު ޕާޓީ އުފެއްދުމުގައި އެންމެ ކުރިންސުރެ އެންމެ އިސްކޮށް މަސައްކަތްޕުޅު ކުރެއްެވެވި އެއް ބޭފުޅަކު ކަމަށެވެ. އަދި އަދާލަތު ޕާޓީ އުފެއްދި މަޤްޞަދަކީ އިސްލާމީ ވަހުދަތު ފަތުރަން ކަމަށާއި އެކަން އެންމެ ރަނގަޅަށް ކުރެވެން މިއަދު އޮތީ ސަރުކާރުގެ ތެރެއިން ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ޝައިޚް އިމްރާނާއި ޝައިޚް އިލްޔާސަކީ އެންމެ ގާތް އަޚުން ކަމަށާއި އެކަން ދުވަހަކުވެސް ބަދަލުނުވާނެ ކަމަށެވެ. އަދި ޝައިޚް އިމްރާނުގެ ހުރިހާ އެކުވެރިންނަށް ބެލި ނަމަވެސް ޝައިޚް އިމްރާން ދެކެ އެންމެ ލޯބިފުޅުވާ އެކުވެރިއަކީ އެމަނިކުފާނު ކަމަށެވެ. އެކަމަށް ޝައީކް އިމްރާން މިހާރުވެސް ހެކިވެވަޑައިގަންނަވާނެ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ބައެއް މެންބަރުންނާއި ޝައިޚް އިމްރާނާއި ޚިޔާލު ތަފާތުވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ސަބަބު ބަޔާން ކުރައްވަމުން އެމްޑީޕީއަށް އިޝާރާތް ކުރައްވައި ޑރ. ޝަހީމް ވިދާޅުވީ "އެފަޅި" އެއްވެސް ގޮތަކަށް ޤަބޫލުފުޅު ނުކުރައްވާނެ ކަމަށެވެ. "އެފަޅި" އާއި ގުޅިގެން، ތާއީދުކޮށްގެން އިސްލާމް ދީނަށް ހޯދައިދެވޭނެ އެއްވެސް ކުރިއެރުމެއް އޮންނާނެ ކަމަށް ޤަބޫލުފުލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު އޮންލައިން