މިއަދު ސަލާމަތް ކުރެވުނު ހަތަރު ކުދިންނާއިއެކީ މުޅިއަކު އަށް ކުދިން މިހާރު ހޮހަޅައިން ސަލާމަތް ކުރެވިއްޖެ

ކިޔުމަށް ހޭދަވާނީ 1މ 14ސ
މިއަދު ސަލާމަތް ކުރެވުނު ހަތަރު ކުދިންނާއިއެކީ މުޅިއަކު އަށް ކުދިން މިހާރު ހޮހަޅައިން ސަލާމަތް ކުރެވިއްޖެ
ތައިލެންޑްގެ ތަމް ލުއަންގް ހޮހަޅައިގައި ތާށި ވެގެން ނުނިކުމެވިފައި ތިބި ކުދީންގެ ތެރެއިން މިއަދު ވެސް ހަތަރު ކުދިން ސަލާމަތްކޮށް، މިއަދަށް މަސައްކަތް ނިންމާލައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޑައިވަރުންނާއި ނޭވީ ސީލް ގެ ތަޖުރިބާކާރު ޑައިވަރުންގެ އެހީގައި އިއްޔެ އާއި މިއަދު ހިންގި މިޚާއްސަ މިޝަންގެ ދަށުން މިހާތަނަށް އަށް ކުދިން ސަލާމަތް ކުރެވިފައިވާ ކަމަށް ރޮއިޓާރސް އިން މައުލޫމާތު ދީފައިވެއެވެ.

މުޅިއަކު 12 ފިރިހެން ކުދިން ހިމެނޭ ފުޓްބޯޅަ ޓީމަކާއި އެކުދިންގެ ކޯޗު އެހޮހަޅައިގައި ތާށިވެފައިވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. ފުޓްބޯޅަ މެޗެއް ނިމުމަށްފަހު އެދުވަހު އެކުދިންނާއި ކޯޗު ހޮހަޅަ ތެރެއަށްވަނީ އެތަން ބަލާލުމަށް ކަމަށާއި ނަމަވެސް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހޮހަޅައިން ނުނިކުމެވި ތާށިވީއެވެ.

ހޮހަޅައިގައި ތާށިވެގެން ތިބިތާ ދެ ހަފްތާފަހުން، އެކުދިން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު، އަނެއްކާވެސް ވިއްސާރަ މޫސުން ފެށުމުގެ ކުރިން އެކުދިންނާއި ކޯޗު އެހޮހަޅަ ތެރެއިން ސަލާމަތް ކުރަން ޖެހޭ ކަމަށާއި އެހެންކަމުން އެކަމަށްޓަކައި ވަގުތު ކުޑަތަން ވެފައިވާކަމަށް އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.

އިއްޔެއެކޭ އެއްފަދައިން މިއަދުވެސް އެމަސައްކަތް މެދުކަނޑާލީ އަލުން އެމިޝަން އައިގެން ކުރިއަށް ދިޔުމުގެ ކުރިން ޑައިވަރުން އަރާމު ކޮށްލުމަށާއި ގެންގުޅޭ ސާމާނު މަރާމާތުކޮށް އާ ކުރުމަށެވެ. އަދި ހޮހަޅައިގައި ބާކީ ތިބި ހަތަރު ކުދިންނާއި ކޯޗަށް ކާބޯ ތަކެއްޗާއި ސިއްޙީ އެހެނިހެން އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިއަދު އޮންލައިން