ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މުލަކަތޮޅު ދިއްގަރު ބަނދަރު ހުޅުއްވައިދެއްވައި، ދިއްގަރުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
އެމަނިކުފާނު ދިއްގަރު ބަނދަރު ހުޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު އެރަށު ބަނދަރު ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ދިއްގަރު ބަނދަރަކީ 750 ފޫޓު ދިގު، އަދި 260 ފޫޓު ފުޅާ ބަނދަރެކެވެ. މީގެއިތުރުން ރައީސް ޔާމިން ވަނީ ދިއްގަރުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ރިބަން ކަނޑާލަދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މުލަކަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، މުއްޔަށް ވަޑައިގެން އެރަށު ބިން ހިއްކުމުގެ މަޝްރޫޢު ނިމުން ފާހަގަކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރައީސް ޔާމީންގެ މި ދަތުރުފުޅުގައި އެ އަތޮޅު ކޮޅުފުށްޓަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.