ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަމަށް ބުނެ އޮޅުވާލައިގެން ފޯނުކޮށް، ކަސްޓަމަރުން އަތުން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާތީ އެކަމަށް ރައްކާތެރިވުމަށް، ބީއެމްއެލް އިން ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް އެސްއެމްއެސް އާއި ވައިބާގެ ޒަރިއްޔާއިން ބީއެމްއެލް ގެ ނަމުގައި މެސެޖުކޮށް އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ކުރަމުންދާ ފަރާތްތަކުން އެކަމެއް ކުރަނީ އެކިއެކި އެޕްްލިކޭޝަންތައް މެދުވެރިކޮށް އެފަރާތުން ފޮނުވާ މެސެޖުތައް ލިބޭ ފަރާތްތަކަށް އެމެސެޖަކީ ބީއެމްއެލް ގެ މެސެޖެއް ނުވަތަ ބީއެމްއެލް އާއި ގުޅުން ހުރި ނަންބަރެއް ކަމަށް ފެންނަ ގޮތަށް ކަމަށެވެ.
ބީއެމްއެލް އިން އީމެއިލް، އެސްއެމްއެސް ނުވަތަ ފޯނު ކޯލް މެދުވެރިކޮށް ކާޑު ނަންބަރު، ސީވީސީ ކޯޑު، ކާޑުގެ މުއްދަތު ހަމަވާ ތާރީޚް އަދި އޯޕީޓީ މައުލޫމާތު އޮޅުން ފިލުވުމަށް އެއްވެސް ކަސްޓަމަރަކަށް ނުގުޅާނެ ކަމުގެ ޔަގީންކަން އެބަޔާނުގައި ދީފައިވެއެވެ.
އެހެންކަމުން މިފަދަ ކޯލުތަކާއި އެސްއެމްއެސް ތަކަށް ޖަވާބު ނުދެއްވުމަށް ބީއެމްއެލް އިން ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފައިވެއެވެ.