ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަލުން އަޙުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވަގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު 11:00 އަށް ތާވަލު ކުރި މިމައްސަލައިގެ އަޑުއެހުން ކެންސަލްކުރި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް އެދައުވާގެ އަޑުއެހުމެއް މިމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ނިންމުމަށްފަހު ފަހުން ވަނީ ވަކި ސަބަބެއް އެންގުމެއް ނެތި އެއަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.
ޓެރަރިޒަމްގެ ދައުވާގެ އިތުރުން އެމްޕީ ފާރިސް ގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ދައުވާއާއި ޤާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވިކަމުގެ ދައުވާވެސް ދައުލަތުން އުފުލާފައިވެއެވެ.
މީގެއިތުރުން ޝަޚްސު އޮޅުވާލުމުގެ ތުހުމަތުގައި އެމްޕީ ފާރިސްގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް ދާދި ފަހުން އިއްވާފައެވެ.