ދެން ބަލައިލަންޖެހޭނީ މޭޑޭގައި އިދިކޮޅު ފަރާތްތަކުން އެފަދަ ބޮޑު މުޒާހަރާއެއް ކުރަންޖެހުނު ސަބަބަށެެވެ. އަދާލަތު ޕާޓީއަށް ސަރުކާރު ކޯލިޝަނުން ވަކިވެ އިދިކޮޅު ފަރާތްތަކާއި ގުޅެންޖހުނު ސަބަބަށެވެ.
އެ ސަބަބު ފެށެނީ އަދީބު އެއިރު ކުރަމުން ގެންދިއަ ވައްކަންތތަކާއި އަދި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކާއިއެވެ. އެކަންކަން އަދާލަތު ޕާޓީއަށް ފާހަގަކުރެވި ކެތް ނުކުރެވިގެން ރައީސް ޢަބްދުﷲ ޔާމީނުގެ ފައިންޕުޅު ދެކެ އެކަންކަން ހުށަހެޅިއެވެ. ރައީސް ޔާމީން އެދުވަހު ނިންމެވީ އަދީބަކީ ދިވެހި ސަރުކާރުގެ އެންމެ ފަޚުރުވެރި ނޯޖަވާން ކަމަށެވެ. ރައީސް ޔާމީން އަދީބު ސިފަކުރެއްވީ އިސްލާމީ ސިޔަރަތުގައި އެބޭކަލަކަށް ރަންވަނަ ދެވިފައިވާ ޚާލިދު ބުނި ވަލީދުގެ ގޮތުގައެވެ. ރައީސް ޔާމީން ވިދާޅުވިކަމަށް ޝައިޚް އިމްރާން ވިދާޅުވީ އަދީބަކީ ޚާލިދު ބުނި ވަލީދު ކަމަށެވެ.
އެއިގެ ފަހުން ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެނުނީ އެ ޚާލިދު ބުނި ވަލީދަކީ ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ވަގުގެ ގޮތުގައި ކަނޑައެޅުނުތަނެވެ. އެންމެ ބޮޑު މުޖުރިމުގެ ގޮތުގައި ކަނޑައެޅި ޖަލަށް ލެވުނުތަނެވެ.
ރާއްޖޭގެ ތާރީޚަށް ބެލި ނަމަވެސް އެއް މުއައްސަސާއަކުން ކޮށްފައިވާ އެންމެ ބޮޑު ވައްކަން ކުރި ކަމުގެ އިލްޒާމްތައް އެޅިގެންދިއަ ތަނެވެ. 1.2 ބިލިއަން ޑޮލަރުގެ ބޮޑު ވައްކަމުގެ ކަންކަން ފަޅާއެރިތަނެވެ.
މިކަންކަމުން އެނގިގެން ދިއައީ އަދާލަތު ޕާޓީން ކުރި ތުހުމަތުތައް އެއީ ޞައްޙަ ތަދު ކަމާއި ރައީސް ޢަބްދުﷲ ޔާމީނަށް ކަންކަން އެނގިވަޑައި ނުގަންނަވާ ކަމެވެ. މި ބޮޑު ވައްކަން ކުރުމުގެ ފުރުޞަތު އަދީބަށް ލިބުނީ ރައީސް ޔާމީން އަވާމެންދުރެއްގައި ހުންނެވުމުން ކަމެވެ.
އަދީބާއިމެދު ރައީސް ޔާމީނު ހުންނެވީ އަވާމެންދުރެއްގައި ނޫން ނަމަ އަދާލަތު ޕާޓީއަށް ލިބުނު މައުލޫމާތު އަދާލަތު ޕާޓީއަށްވުރެ ކުރިން ރައީސް ޔާމީނަށް ލިބިވަޑައިނުގަންނަވަންވީ ސަބަބަކީ ކޮބައިބާވައެވެ!
ރާއްޖޭގައި ހިނގައިފާނެ ކަންކަމުގެ މައުލޫމާތު އެނގި ހާމަކުރާ އަދި ފިޔަވަޅު އަޅަމުން ގެންދާ އިންޓެލިޖެންސް ރިޕޯޓްތައް އެއިރު އޮތީ ޕެރަލައިޒްވެފައިކަމަށްވާނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ކާކުބާވައެވެ!
އެހެންކަމަށްވާއިރު ސަރުކާރު ކޯލިޝަނުގެ ބައިވެރިއެއްގެ ގޮތުން އަދާލަތުން ރައީސް ޔާމީނުގެ ސަމާލުކަމަށް ގެނައި އެ ބޮޑު މައްސަލައަށް ރައީސް ޔާމީން އެއްވެސް ސަމާލުކަމެއް ނުދެއްވުމުން ރައްޔިތުންނަށް ލިބުނު ބޮޑު ގެއްލުމުގެ ޒިންމާ އުފުލަންޖެހޭނެ ފަރާތަކާއިމެދު މިއަދު މިވަނީ ސުވާލު އުފެދިފައެވެ. ހައްޔަރުކުރަން ޖެހެނީ އަދި އަދަބު ދޭންޖެހެނީ ޝައިޚް އިމްރާނަށް ކަމާއިމެދުވެސް މިއަދު މިވަނީ ސުވާލު އުފެދިފައެވެ.
ރައްޔިތުން އިންތިޒާރުކުރަމުން ގެންދަނީ ރާއްޖޭގައި ތިއްބެވި ފުންނާބު އުސް ދީނީ އިލްމުވެރިންނާއި ކަންކަން ދިރާސާ ކުރައްވާ ބޭފުޅުން މިކަންކަން ރަނގަޅަށް ދިރާސާ ކުރައްވައި ހައްޤު ނިންމެވުންތައް އަދުލުވެރިކަމާއިއެކު ނިންމަވައި ޢާންމު ކުރައްވަވާނެ ދުވަހަކަށެވެ. ޝައިޚް އިމްރާނުގެ މައްޗަށް ހިންގި ޝަރީޢަތް ހިންގާފައިވަނީ އިސްލާމް ދީނާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި އެއްގޮތަށްކަމާއިމެދު ގޮތެއް ނިންމަވައި ޢާންމުކުރައްވާނެ ދުވަހަކަށެވެ.
މިކަންކަމަކީ ކޮންމެވެސް ދުވަހަކުން ކޮންމެވެސް ބައަކު ދިރާސާކުރާނެ ކަންކަމެވެ. ހަމަ ޔަޤީނުންވެސް ﷲ ތަޢާލާގެ ދަރުބާރުގައި ފައިޞަލާ ކުރެވޭނެ ކަންކަމެވެ.