ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މުލަކު އަތޮޅު މުލަކުގައި ޤާއިމް ކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮސް މިއަދު ފައްޓަވާ ދެއްވައިފިއެވެ.
މިއަދު މެންދުރު މުލަކު ބަނދަރު ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވަނީ އެރަށުގައި ޤާއިމް ކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ރިބަން ކަނޑުއްވާ ދެއްވާފައެވެ.
ރައީސް ޔާމީން މުލަކު އަތޮޅުގެ ބައެއް ރަށްރަށަށް މިހަރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއދު ހެނދުނުވަނީ އެއަތޮޅު ދިއްގަރަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވާދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވާފައެވެ.
މީގެއިތުރުން އެމަނިކުފާނު އެއަތޮޅު މުއްޔަށް ވަޑައިގެން އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމުން ފާހަގަ ކުރުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށާއި އެއަތޮޅު ކޮޅުފުއްޓަށް ޒިޔާރަތް ކުރައްވާ އެރަށު ބަނދަރު ހުޅުއްވައި ދެއްވުމަށް ވެސް ވަނި ހަމަޖެހިފައެވެ.