މިސަރުކާރުން ކޮށްފައިވާ އެއްވެސް ކަމަކާއި ގުޅިގެން ރާއްޖެއަށް ފިޔަވަޅު ނުއަޅައި އެމެނިކުފާނަށް ފިޔަވަޅު އެޅުމަށް ރައީސް ޢަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިމޭރުމުން ބަޔާން ކުރެއްވެވީ ދިއްގަރު ރައްޔިތުންނާއި ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި މިއަހަރު މެދުތެރޭގައި އީޔޫ އިން ރާއްޖެއަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ލިބިވަޑައިގެންފައިވާކަން ބަޔާންކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ބަންދުގައި ތިބި ސިޔާސީ ލީޑަރުން މިނިވަން ނުކޮށްގެންނާއި ވަކިވަކި ކަންތައްތަކެއް ސަރުކާރުން ނުކުރާކަމަށްބުނެ ރާއްޖެއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިދިއަ ހަފްތާގައި އީޔޫ އިން ދީފައިވާ ކަމަށެވެ.
ވަކިވަކި ކަންތައްތަކުގެ ގޮތުގައި ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ލީޑަރުން ދޫކޮށްލުމަށާއި އެކި ކުށްތަކުގައި ބަންދުކޮށްފައިވާ މީހުންނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަނދައަޅާފައިވާ 12 މެންބަރުންނަށް މަޖިލީހަށް ވަދެވޭނެ ގޮތް ހަމަޖައްސައިދިނުމެވެ.
ރައީސް ޔާމީން ވިދާޅުވީ ފެންނަމުން މިދަނީ ހަސަން ތާޖުއްދީނުގެ ދެ ދަރިންގެ ކިބައިން ފެނުނުކަމަށް ތާރީޚުގައި ބުނާ ކަންކަން ކަމަށާއި ރާއްޖޭގައި އަމަލުކުރަނީ ޤާނޫނު އަސާސީއަށް ކަމަށްވުމުން އީޔޫ އިން ބުނި ނަމަވެސް ޤާނޫނުގައި ނެތް ކަމެއް ކުރައްވައިގެން އީޔޫ އަށް ދޫ ނުދެއްވާނެ ކަމަށެވެ.