ދައުލަތުގެ މީޑިއާ ކަމުގައިވާ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ގަވަނިން ބޯޑުގައި މިހާރު ތިއްބެވި މެމްބަރުން މަގާމުން ވަކިކޮށް ބޯޑަށް އާ މެމްބަރުން އައްޔަނު ކުރުމުގެ ބާރު ރާއްޖޭގެ ރައީސަށް ލިބޭ ގޮތަށް، ޕީއެސްއެމް ގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.
މިމަދުގެ މަޖިލީހުގައި މިބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 32 މެމްބަރުންގެ އިއްތިފާގުންނެވެ.
މިބިލު މަޖިލީހަށް ބަލައިގަތުމާއެކު މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު ވަނީ ބިލު ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއިލް ހުށަހެޅުއްވި ބިލުގައި ވަނީ ޕީއެސްއެމް ބޯޑުގެ މެމްބަރުންގެ މިހާރު ހުރި އަދަދު ހަތަކުން ފަހަކަށް ބަދަލު ކޮށްފައެވެ.
މީގެއިތުރުން ބޯޑަށް މެމްބަރުން އައްޔަނު ކުރަން ބޭނުންވާ ނަންތަކެއް ރައީސް ޕްރައިވަޓައިޒޭޝަން ބޯޑަށް ހުށަހަޅުއްވާތާ 10 ދުވަހުގެ ތެރޭގައި ޕްރައިވަޓައިޒޭޝަން ބޯޑުން ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލަން ވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.