އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) ދޮރުން ދޮރަށް ކެމްޕޭން ކުރައްވަން ވަޑައިގެންނެވުމުން އޭނާއަށް ހަމަލާދީ ހަމަނުޖެހުން ހިންގަން ބަޔަކު މަސައްކަތް ކޮށްފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން އިބޫ ހިންގަވާފައި ދަނިކޮށް ސައިކަލުގައި ދެމީހަކު އައިސް ހަމަނުޖެހުން ހިންގާ އެމަނިކުފާނަށް ހަމަލާދޭން ވެސް މަސައްކަތް ކޮށްފައިވެއެވެ.
މިހާދިސާ ހިނގިއިރު އެސަރަޙައްދުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުންނާއި އިބޫގެ ސެކިއުރިޓީން އެވަގުތު ވަނީ އިބޫ ވަށާލައި ހިމާޔަތް ކޮށްފައެވެ. އަދި ކާރަކަށް އަރުވައިގެން އިބޫ އެސަރަޙައްދުން ގެންދިޔަ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބޫ ސޯލިޙަށް ހަމަލާދޭން އުޅެ ހަމަނުޖެހުން ހިންގަން އުޅުނީ ކޮން ބައެއްކަން އަދި ސާފެއް ނުވެއެވެ. އަދި މިފަދަ ހަމަލާއެއް ދޭން މަސައްކަތް ކުރީ ކޮންކަމަކާ ގުޅިގެން ކަމެއް ވެސް އަދި އެނގިފައެއް ނުވެއެވެ.