މާފުށީ ޖަލުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ހަމްޒަތު އަޙުމަދުގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފިއެވެ.
އުމުރުން 38 އަހަރުގެ ހަމްޒަތު މަރުވީ މިދިޔަ ބުދަ ދުވަހު ޖެހުނު ސްޓްރޯކަކާއި ގުޅިގެންނެވެ. ފަރުވާއަށް އޭނާ ބުރާސްފަތި ދުވަހުގެ ރޭ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދެވިފައިވާއިރު ހުކުރު ދުވަހު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫއަށް ގެންދެވިފައިވެއެވެ. ހަމްޒަތު މަރުވީ ފަރުވަ ދެމުން ދަނިކޮށް އާދީއްތަ ދުވަހުގެ ރެއެވެ.
ހަމްޒަތުއަށް ސްޓްރޯކް ޖެހުމުން އެކަށީގެންވާ ފަރުވާ ނުދީ މޯލްޑިވްސް ކަރެކްޝަންސް އިން ހަމްޒަތު "މަރާލީ" ކަމަށް އޭނާގެ ބައްޕަ އިއްޔެވަނީ ބުނެފައެވެ. އަދި އޭނާއަށް ފަރުވާ ދިނުމުގައި ކަރެކްޝަންސް އިން އިހުމާލުވެފައިވާ ކަމަށް އެއާއިލާއިން ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހަމްޒަތުގެ މަރުގެ މައްސަލަ އެކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި ޖަލުގައި ގައިދީއަކު މަރުވެއްޖެނަމަ އެކަން އެޗްއާރްސީއެމް އިން ބަލާނެ ކަމަށެވެ.