އިލެކްޝަންސް ކޮމިޝަނުން ގޮނޑިގެއްލުވާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) އާއި މިރޭ ބައްދަލު ކުރައްވައިފިއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އޮފީހުގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި، 12 މެމްބަރުން ވަނީ އިބޫ އަށް ތާއީދު ކުރައްވާކަން ހާމަކޮށް، ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއް އިންތިހާބު ކުރުމަށް އެމެމްބަރުންގެ ފުރިހަމަ ބައިވެރިވުމާއި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން އިބޫ އަށް ދެއްވާފައެވެ.
މީގެއިތުރުން ޕާޓީތަކުން ފަށާފައިވާ އިސްލާހީ މަސައްކަތުގައި ކުރިއަށް އޮތްތާވެސް އެމެމްބަރުން ވަރަށް ސާބިތުކަން މަތީގައި ދެމި ތިބޭނެކަމުގެ ޔަގީންކަން ވެސް ދެއްވާފައިވެއެވެ.