ކޯލިޝަން ކެންޕޭނުގައި އެއްވެސް ޤައުމެއްގެ ނަން ކިޔައި އެ ޤައުމަކަށް ތުހުމަތުކޮށްގެން ވާނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދީނީ ޢިލްމުވެރިންނާއި ހައްދުފަހަނައަޅާ މީހުންނާއި ގުޅުވައިގެން ޖެހިގަތީމާ ވާނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވެސް ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.
މިއީ އިޚްލާޞްތެރި ޝުޢޫރު ކަމަށާއި ވިސްނާ ނުލައި ބައެއް ބޭފުޅުން މިކަން ކުރެއްވުމުން މުޅި ކޯލިޝަން ކެންޕޭނަށް އެއިގެ ގެއްލުން ވެދާނެ ކަމަށްވެސް ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.
"ކޯލިޝަން ކެންޕޭނުގަ 1- އެއްވެސް ޤައުމެއްގެ ނަން ކިޔައި އެ ޤައުމަކަށް ތުހުމަތުކޮށްގެން ވާނީ ވަރަށް ބޮޑު ގެއްލުމެއް. 2- ދީނީ ޢިލްމުވެރިންނާ ހައްދުފަހަނައަޅާ މީހުންނާ ގުޅުވައިގެން ޖެހިގަތީމާ ވާނީ ވަރަށް ބޮޑު ގެއްލުމެއް."
"މިއީ އިޚްލާޞްތެރި ޝުޢޫރު. ވިސްނާ ނުލާ ބައެއް ބޭފުޅުން މިކަން ކުރެއްވުމުން މުޅި ކޯލިޝަން ކެންޕޭނަށް އެއިގެ ގެއްލުން ވެދާނެ."
ޤާސިމް އިބްރާހީމް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ އައިއެސް އަށް ރެކްރޫޓް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވުމުގެ އިތުރުން ސައުދިއަރަބިޔާއަށްވެސް "ހަމަލާތަކެއް" ރައީސް މުޙައްމަދު ނަޝީދު ދެއްވުމުން ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ވަގުތެއްގައެވެ.
ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވެފައިވާއިރު އަދާލަތު ޕާޓީގެ ދީނީ ޢިލްމުވެރިންގެ މަޖިލީހުގެ އެންމެ އިސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވެސް ވަނީ ރައީސް ނަޝީދުގެ ވާހަކަފުޅު ދޮގުކުރައްވައިފައެވެ.