ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑް ޙަވާލުކުރުމަށް މިރޭ ޚާއްޞަ ރަސްމިއްޔާތެއް ބާއްވަނީ
ހައި އެޗީވަރސް ސްކޮލަރޝިޕް 2017/2018 އަށް ހޮވިފައިވާ ދަރިވަރުންނަށް، ސްކޮލަރޝިޕް އެވޯޑް ޙަވާލުކުރުމަށް މިރޭ ތާޖުއްދީނު ސްކޫލްގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށް ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނެފިއެވެ.
ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑަކީ މަތީސާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުން، ކިޔެވުމަށް ބާރުއެޅުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދީ ޢިލްމީގޮތުން ޤާބިލު ޒުވާން ޖީލެއް ބިލާކުރުމަށް، ދިވެހި ސަރުކާރުން ފެއްޓެވި ސްކޮލަރޝިޕް ސްކީމެކެވެ.
ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑުގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދެވެނީ ދިވެހިރާއްޖޭގެ ސްކޫލުތަކުގެ މަތީސާނަވީ އިމްތިޙާނުތަކުން ޖީ.ސީ.އީ އޭލެވެލްގެ3(ތިނެއް) މާއްދާއިންނާއި، އެޗް.އެސް.ސީގެ ދިވެހި، އިސްލާމް، މިދެމާއްދާއިން ދަށްވެގެން "އޭ" ފާސް ހޯދާ ދަރިވަރުންނަށެވެ. އެގޮތުން 2017 ވަނަ އަހަރުގެ އޮކްޓޫބަރ/ނޮވެމްބަރއަދި 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވުނު އިމްތިޙާނުތަކުން 5Aއަށްވުރެ މަތިން ހޯދާއިގެން 36 ދަރިވަރަކު ވަނީ ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑް ޙާޞިލުކޮށްފައެވެ.
މި ސްކޮލަރޝިޕުގެ ކުދިންނަށް މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި ސާރކް ޤައުމުތަކުން ބޭނުން ޤައުމެއްގައި ހިލޭ ކިޔެވުމުގެ ފުރުޞަތު ދެވޭނެއެވެ. އަދި މި ޤައުމުތަކުން ބޭރު ޤައުމެއްގައި ކިޔެވުމަށް ވެސް ހައި އެޗީވަރސް ސްކޮލަރޝިޕް އުޞޫލުގެ ދަށުން ދަރިވަރުންނަށް ފުރުޞަތު ފަހިކޮށް ދެވިދާނެއެވެ.