މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އާއްމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ.މަނަދޫ ޕޮލިސް ސްޓޭޝަނާއި ޓްރެފިކް ޑިޕާރޓްމަންޓް ގުޅިގެން ރޯޑް ސޭފްޓީ ޕްރޮގްރާމްތަކެއް ނ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ.
ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށް ޖުލައި 5ން 8ށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމްތައް ނ. މާފަރާއި ލަންދުއާއި ކެނދިކުޅުދުއާއި ހޮޅުދޫގެ އިތުރުން މަނަދޫގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ބެލެނިވެރިންނާއި ދަރިވަރުންނަށް ވަކިން ކުރިއަށް ގެންދިޔަ މިޕްރޮގްރާމްތަކުގައި 5 ރަށުން ޖުމްލަ 439 ދަރިވަރުންނާއި 261 ބެލެނިވެރިން ބައިވެރިވެފައިވެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންވީ ކަންކަމާއި، އެއްގަމު އުޅަނދު ޕާކު ކުރުމުގެ ޤަވާއިދުތަކުގެ އިތުރުން މަގުމަތީގެ އަދަބުތަކާއި ގުޅޭގޮތުން މިޕްރޮގްރާމްތަކުގައި ބެލެނިވެރިންނާއި ދަރިވަރުންނަށް މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ.
ޙަބަރު ޕޮލިސް