މުފްތީ މެންކަށް ރާއްޖެއިން ލިބިވަޑައިގެންނެވި އެންމެ ބޮޑު ހައިރާންކަން-
މިއަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމު ފެށިގެން ދިއައީ ވަރަށް އުފާވެރި ހަފްލާއަކުންނެވެ. ކޮންމެ ސިފައެއްގައި ނަމަވެސް، ދޮރުތައް ބަންދުކޮށް ތިބެ ނަމަވެސް ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤްވާމީ ކީރިތި ޤްރްއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފައުޅުކުރުމުގެ ރަސްމިއްޔާތާއިއެކު ބޭއްވިގެން ދިއުމުންނެވެ.
ރަސްމިއްޔާތުގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ފާހަގަ ކުރެވޭ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުފްތީ އިސްމާޢީލް މެންކް ބައިވެރިވެވަޑައިގަތުމާއި ދަރުސް ދެއްވުމަކީ މިހައިތަނަށް ބާްވާފައިވާ އިހްޔާ ފޯރަމްތަކުގެ ތެރެއިން ރަންއަކުރަކުން ލިޔެވިގެންދާނެ ކަންކަމެވެ. ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަތުމަކީވެސް ފާހަގަކުރަންޖެހޭނެ ކަމެކެވެ.
ރާއްޖޭގައި ކީރިތި ޤްރްއާނާއިބެހޭ މިފަދަ މުހިންމު ރަސްމިއްޔާތެއް ބޭއްވިގެންދާއިރު ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމްގެ ބައިވެރިވެވަޑައިގަތުމެއް ނެތުމުން ގިނަ ބައަކު އެކަމާއިމެދު އެރޭ ވެސް ކަންބޮޑުވުން ފައުޅުކުރިއެވެ. އެންމެ ބޮޑު ސަބަބަކީ ކީރިތި ޤްރްއާނުގެ ޢިލްމު ފަތުރުއްވަން އިސްލާމިކް މިނިސްޓްރީގެ ތަފާތު މަޤަމްތަކުގައި ހުންނަވައިގެން ޑރ. ޝަހީމް ކުރެއްވެވި ގިނަގުނަ މަސައްކަތްޕުޅުތަކެވެ.
މިގޮތުން ބަލާއިރު މާލޭގައި ހުރި ކީރިތި ޤްރްއާނުގެ މަރުކަޒާއި ރާއްޖެތެރޭގެ މަރުކަޒެއް ވީޑިއޯ ކޮންފަރެންސްކޮށް ގުޅާލެވި ކީރިތި ޤްރްއާނުގެ އިލްމާއި އިސްލާމިކް މިނިސްޓްރީގެ ކޯސްތައް ހިންގޭނެ މަގު ފަހިކޮށްދެއްވީ ވެސް ޑރ. ޝަހީމްއެވެ. ހަމައެއާއިއެކު ކީރިތި ޤްރްއާނުގެ ކޯސްތައް އިސްލާމީ ޔުނިވަރސިޓީގައިވެސް ފުޅައު ދާއިރާއެއްގައި ގެންދަވަނީ ހިންގަވަމުންނެވެ.
މިފަދަ އެތައް ކަމެއް ފާހަގަކުރެވޭއިރުވެސް އެ ރަސްމިއްޔާތުން ޑރ. ޝަހީމް ނުފެނުމުން ގިނަ ބައަކު ތިބީ ކަންބޮޑުވެފައެވެ. ޑރ. ޝަހީމަކީ ޑަބަލްކޮށް ބޭސްފަރިއްކުޅުއްވައިގެން ވެސް އިސްލާމީ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއްކަން އެމަނިކުފާނުގެ ކަންކަން ގާތުން ދަންނަ އެންމެންނަށްވެސް އެނގޭތީ ކަންބޮޑުވުން އިތުރުވިއެވެ.
މިކަމުގެ ކަންބޮޑުވުން ލިބުނީ ހަމަ އެކަނި ދިވެހިންނަކަށް ނޫނެވެ. ޝަރަފްވެރި މެހްމާން މުފްތީ މެންކަށްވެސް ލިބިވަޑައިގެންނެވިއެވެ. ޖަލްސާގެ އެއްވެސް ދިމާއަކުން ޑރ. ޝަހީމް ފެނިވަޑައިގަންނަވާތޯ މުފްތީ މެންކް ހޯއްދެވިއެވެ. އަދި ބައެއް އަރިސް ބޭފުޅުންނާއި ސުވާލު ކުރެއްވި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާއި ގުޅިގެން މިއަދުނޫހުން ބައެއް ބޭފުޅުންނަށް ގުޅައި ސަބަބު ހޯދަން ކުރި މަސައްކަތުން އެނގުނީ ރަސްމިއްޔާތަށް ޗާންސެލަރަށް ދައުވަތު އަރުވާފައި ނުވާ ކަމެވެ. ބޭރުފުށުން ކިތަންމެ ރީތި މަންޒަރުތައް ދެއްކި ނަމަވެސް ހަޤީޤަތަކީ ހަސަދަވެރިކަމެވެ. ހަސަދަވެރިކަން އެކަމުގެ އިންތިހާއަށް ނެތް ނަމަ ޑރ. ޝަހީމަށް އެ ރަސްމިއްޔާތަށް ދައުވަތު ނުއަރުވަންވީ އެއްވެސް ސަބަބެއް ނުފެނެއެވެ.
އިޙްޔާ ފޯރަމްގެ ބާނީންނަކީ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އާއި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އެ ހަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ. މީގެ އިތުރުން ޑރ. ޝަހީމަކީ އިހްޔާ ފޯރަމްތަކުގައި ދަރުސް ދެއްވާފައިވާ ޢިލްމުވެރިއެކެވެ. އެމަނިކުފާނުގެ ދަރުސްތަކަށް ބޮޑު ތަރުޙީބެއް ވެސް ދަނީ ލިބެމުންނެވެ.