ރައީސް ޔާމީން އިސްތިއުފާ ދެއްވައިފިނަމަ ވަގުތުން އިސްތިއުފާ ދޭނަން: ސައުދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ރައީސް ޔާމީން އިސްތިއުފާ ދެއްވައިފިނަމަ ވަގުތުން އިސްތިއުފާ ދޭނަން: ސައުދުﷲ
ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާތީ ރައިސް ޢަބްދުﷲ ޔާމީން މަޤާމުން އިސްތިއުފާ ދެއްވައިފިނަމަ މަޖިލީހުގެ މެންބަރުކަމުން ވަގުތުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުއްﷲ ވިދާޅުވެއްޖެއެވެ.

މ. ކުނޫޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައުދުﷲ މިއަދު ވިދާޅުވީ އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރައްޔިތުން ވޯޓުލާފައިވާ ގޮތަށް ބައްލަވާއިރު ރައްޔިތުންގެ ތާއީދު ސަރުކާރަށް ނެތްކަން ވަނީ ރަނގަޅަށް ހާމަވެފައި ކަމަށެވެ. އެހެންކަމުން މަޖިލީހަށް ވަނުން މަނާކޮށްފައިވާ 12 މެންބަރުންނަށް ރައްޔިތުންގެ ތާއީދު ނެތިގެން މަޤާމުން އިސްތިއުފާ ދީ އަލުން ވާދަކުރުމަށްވުރެ ރައީސް ޔާމީން އަމިއްލަފުޅަށް މަޤާމުން އިސްތިއުފާ ދެއްވައި އަލުން ވާދަކުރެއްވުން މާރަނގަޅުވާނެ ކަމަށެވެ.

ސައުދުﷲ ވިދާޅުވީ 12 މެންބަރުން ސަރުކާރަށް ތާއީދުކުރުން ހުއްޓައިލީ ރައްޔިތުންގެ ތާއީދު ސަރުކާރަށް ނެތްކަން ރައްޔިތުންގެ ވޯޓުން ސާބިތުކޮށްދިނުމުން ކަމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ މެންބަރުން ބަދަލުވުމަކީ ރައްޔިތުންނަށް އިޚްލާޞްތެރިވުން ކަމަށާއި އެއީ ރައްޔިތުންނަށް ހަރާންކޯރުވުން ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

ސައުދުﷲ ވިދާޅުވީ 12 މެންބަރުންނަކީ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ސްޕްރީމް ކޯޓުން އަދިވެސް ބުނެފައި ނެތް ކަމަށާއި އެފަދަ ގޮތަކަށް 12 މެންބަރުންގެ މައްސަލަ ސްޕްރީމް ކޯޓުން ނިންމާނެ ކަމަށްވެސް ޤަބޫލު ނުކުރައްވާ ކަމަށެވެ.
މިއަދު އޮންލައިން