ކަނޑުމަތިން ހާލުގައި ޖެހުނު ޝްރީ ލަންކާ ބޯޓުގައި ތިބި މީހުން މާލެ ގެނެސްފި

ކިޔުމަށް ހޭދަވާނީ 59ސ
ކަނޑުމަތިން ހާލުގައި ޖެހުނު ޝްރީ ލަންކާ ބޯޓުގައި ތިބި މީހުން މާލެ ގެނެސްފި
ހާލުގައި ޖެހިފައި ވަނިކޮށް އިއްޔެ ފެނުނު ޝްރީ ލަންކާގެ މަސްބޯޓުގައި ތިބި މީހުން މިއަދު މާލެ ގެނެސްފިއެވެ. އެމީހުން އިއްޔެ ފެނިފައިވަނީ ގއ. ވިލިނގިލީގެ އިރު އުތުރުން 43 ނޯޓިކަލް މޭލު ބޭރުންނެވެ.

"ސިންދޫރު-2" ނަމަކަށް ކިޔާ މަސްބޯޓެއް އިއްޔެ ހެނދުނު ފެނިފައިވަނީ އެސަރަޙައްދު މަސްވެރިކަން ކުރަން އުޅުނު "ދިރުން" ނަމަކަށް ކިޔާ މަސްދޯންޏަކަށް ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.



އިއްޔެ ފެނުނު ލަންކާ މަސްބޯޓުގައި ޖުމްލަ ހަތް މީހުން ތިބި ކަމަށާއި އެމީހުން ރޭގެ ވަގުތެއްގައި ގދ. ތިނަދޫ އަށް ގެންދެވުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް "ނޫރައްދީން" ލޯންޗުން އެމީހުން މާލެ ގެނައި މިރޭ 18:30 ހާއިރުއެވެ.

ޝްރީ ލަންކާގެ އެމަސްބޯޓު ހާލުގައި ޖެހިފައިވަނީ ބެޓްރީ ފެއިލް ވެގެނެވެ. އެބޯޓުގައި ތިބި މީހުން ސަލާމަތް ކުރެވިފައިވީ ނަމަވެސް، އެމީހުން ތިބި މަސްބޯޓު ވަނީ ހުވަދޫ އަތޮޅާއި ލ. އަތޮޅާއި ދެމެދުން ހުޅަނގަށް އޮޔާ ގޮސްފައެވެ. އެހެންކަމުން އެސަރަޙައްދުގައި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފައިވެއެވެ.
މިއަދު އޮންލައިން