ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކުރިއަރުވާ، އެފަރާތްތައް ބާރުވެރި ކުރުވުމަށް ގިނަ ބަޔަކު މިއަދު ވަކާލާތު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަންކަމަށް ޢަމަލީ ސިފަ ގެނައުމުގެ މަސްއޫލިއްޔަތު އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތައް އަދި ވެސް މަދު ކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.
އެވިޑް ކޮލެޖުގެ "މާސްޓަރ އޮފް ޓީޗިން އިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން" ޕްރޮގްރަމް އިފްތިތާޙް ކުރުމުގެ ގޮތުން މިރޭ ސޯލްޓް ކެފޭ ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ކުއްޖަކު ވެސް ދުޅަހެޔޮކަމާއި އުފަލުގައި ހެދިބޮޑުވުމަށް މަގުފަހި ކޮށްދިނުމަކީ އެންމެންގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާއެއް ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތް ކުރާ ފަންނީ މީހުން މިދާއިރާގައި ޚިދުމަތް ކުރާ ދިވެހިންގެ ދައުރު އިތުރަށް ފުޅާވެގެން ދިޔުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ޢާއިލާތަކަށާއި ޤައުމަށް ނުހަނު ބޭނުންތެރިވެފައިވާ ކަމެއް ކަމަށެވެ.