ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާނީ މިމަހު 23 ގަ
މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާނީ މިމަހު 23 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނުގެ ރައީސް ޝަރީފް މިއަދު ވިދާޅުވީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު 23 ވަނަ ދުވަހު ހުޅުވާލައި ފުރުޞަތު ބަންދުކުރާނީ 4 އޮގަސްޓްގައި ކަމަށެވެ.
ޝަރީފް ވިދާޅުވީ މިގޮތަށް ތާރީޚް ހަމަޖެއްސީ މިހާރު ކުރިއަށް ގެންދާ ރިޔާސީ ދައުރު ފަށާފައިވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށްވާތީ އެ ތާރީޚަށް ބަލައިގެން ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ޤާނޫނީ ލަފާ ވެސް ހޯދައިގެން ކަމަށެވެ.
ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ރިޔާސީ ދައުރު ފެށޭ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. 2013 ވަނަ އަހަރު ތާރީޚް ލަސްކުރީ ސްޕްރީމް ކޯޓުގެ ހުކުމަކާއި ގުޅިގެންނެވެ.
ޝަރީފް ވިދާޅުވީ ވޯޓުލުމަށްޓަކައި ރީރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިމަހު 17 ވަނަ ދުވަހު ދުވަހު ހުޅުވާލާނެ ކަމަށާއި ފުރުޞަތު ބަންދުކުރާނީ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.
ކެންޕޭނުކުރަން ރިޔާސީ ކެންޑިޑޭޓުންނަށް ހަމަ ހަމަ ފުރުޞަތުތައް ލިބެންޖެހޭނެ ކަމަށް މިއަދުވެސް ޝަރީފް ވިދާޅުވިއެވެ.