އަބަދުވެސް އެންމެ ބޮޑަށް ކުރައްވަން ބޭނުންފުޅުވާ މަސައްކަތަކީ އިސްލާމް ދީން މަތިވެރިކުރުން ކަމަށް ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ މިސަރުކާރުން ގެންދަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ މަރުކަޒުތައް އަޅައި އިސްލާމް ދީން އުނގަންނައިދެމުން ކަމަށެވެ. އަދި ކީރިތި ޤްރްއާނާއި ބެހޭ މަރުކަޒުތައް މުޅި ރާއްޖޭގައި ހުޅުވަމުން ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ މިކަންކަމުގެ އިތުރުން ތައުލިމީ މަންހަޖަށް ބަދަލު ގެނެސް ސްކޫލްތަކުގައި ގެންދަނީ އަރަބި ބަހާއި އިސްލާމް ދީން ކިޔަވައި ދެމުން ކަމަށާއި މިކަންކަމުގެ ސަބަބުން ރާއްޖޭގައި އިސްލާމް ދީނަށް ދަނީ ބޮޑެތި ކުރިއެރުންތައް ލިބެމުން ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ މިކަންކަމަކީ އެމަނިކުފާނުވެސް ކުރައްވަން އެންމެ ބޮޑަށް ބޭނުންފުޅުވާ ކަންތައްތައް ކަމަށާއި ރަނިންގ މޭޓްކަން ޤަބޫލުފުޅު ކުރެއްވެވީ ރާއްޖޭގައި އިސްލާމް ދީން މަތިވެރި ކުރެއްވުމުގެ ބޭނުންފުޅު ބޮޑުކަމުން ކަމަށެވެ.