މަސް ދުވަސް ވީއިރުވެސް ރައީސް މައުމޫން ރީ-ރެޖިސްޓްރީ ނުވާ ކަމުގެ ޝަކުވާ އާއިލާއިން ހުށަހަޅައިފި

ކިޔުމަށް ހޭދަވާނީ 1މ 19ސ
މަސް ދުވަސް ވީއިރުވެސް ރައީސް މައުމޫން ރީ-ރެޖިސްޓްރީ ނުވާ ކަމުގެ ޝަކުވާ އާއިލާއިން ހުށަހަޅައިފި
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ރިޔާސީ އިންތިހާބުގައި ވޯޓު ލެއްވުމަށް މީގެ މަހެއްހާ ދުވަސް ކުރިން ރީ ރެޖިސްޓްރޭޝަންގެ ފޯމު ފުރުއްވާފައިވީ ނަމަވެސް މިއަދާއި ހަމައަށް ވެސް އެމަނިކުފާނު ރެޖިސްޓްރީވެފައި ނުވާ ކަމުގެ ޝަކުވާ، އެމަނިކުފާނުގެ އާއިލާއިން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އަށް ހުށަހަޅައިފިއެވެ.

ރައީސް މައުމޫންގެ އާއިލާއާއި ގާތް ގުޅުމެއް އޮންނަ އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓެރީ ޖެނެރަލް ޢަބްދުލް ޢަލީމް މިކަމާއި ގުޅިގެން މިއަދު ވިދާޅުވީ ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި، ދަނބިދަރިކަމުން މުޙައްމަދު ނަދީމު ވެސް މިއަދާއި ހަމައަށް ވެސް ރީރެޖިސްޓްރީވެފައި ނުވާ ކަމަށާއި އެކަމާއިމެދު އާއިލާއިން ކަންބޮޑުވާ ކަމަށެވެ.

"މަހެއްހާ ދުވަސް ކުރިން ރައީސް މައުމޫން މަހެްއހާ ދުވަސް ކުރިން ފޯމު ފުރުއްވި، އެކަމަކު މިއަދު މެންދުރާއި ހަމައަށް ވެސް ރެޖިސްޓްރީ ވެފައިވާ ކަަމަކަށް ނުދައްކާ" އަލީމް ވިދާލުވިއެވެ.

ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން ރީ ރެޖިސްޓްރީ ނުވާ ކަމުގެ ކަންބޮޑުވުން މިފާޅުކުރީ ރީ ރެޖިސްޓްރީ ކުރުމުގެ މުއްދަތު ރޭ ދަންވަރު 12 އަށް ހަމަވީއިރުވެސް ޖަލުތަކުގައި ބަހައްޓާ ފޮއްޓަށް ވޯޓުލާން ޖެހޭ ގައިދީން ރީ ރެޖިސްޓްރީ ނުވާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

މިކަމާއި ގުޅޭގޮތުން ކަރެކްޝަންސް ގެ މީޑިއާ އޮފިޝަލް އަހުމަދު ލުގްމާން މިއަދު ވިދާޅުވީ ޖަލު ހުކުމް ތަންފީޒު ކުރާ ގައިދީންގެ ރީރެޖިސްޓްރޭޝަން ފޯމުތައް މިހާ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިއަދު އޮންލައިން