ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އޮފީހުގައި މަސައްކަތް ކުރައްވާ ނަޖުމާ އިބްރާހިމް އާއި، އެމަނިކުފާނުގެ ޕްރައިވެޓް ބޮޑީ ގާޑު މުޙައްމަދު އަޒުމީ ކްރިމިނަލް ކޯޓުން މިއަދު މިނިވަން ކޮށްފިއެވެ.
ނަޖުމާ އާއި އަޒުމީ މިނިވަންކުރީ އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، އެމީހުން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ފެނިގެންނެވެ.
ރައީސް މައުމޫންގެ އެ ދެ މުވައްޒިފުން ހައްޔަރު ކޮށްފައިވަނީ، ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް، މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ނަޖުމާ އާއި އަޒުމީ ހައްޔަރުކޮށް ދައުލަތުން ވަނީ އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އެދެމީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވެސް މީގެ ކުރިން އަމުރު ކޮށްފައެވެ.
އެދެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއާއި އިތުރު ދައުވާތަކެއް ވެސް ކޮށްފައިވާއިރު، ރައީސް މައުމޫނާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ ދައުވާތަކުގެ ހެކިތައް ހުރި ކަމަށް ފުލުހުން ބުނާ ކަޅުފޮށި ފެނުނީ ނަޖުމާގެ ގެއިން ކަމަށް، ފުލުހުން ވަނީ އެއިރު ބުނެފައެވެ.