12 މެންބަރުންގެ ގޮނޑި ވެސް އަނބުރާ ލިބޭނެ- ދައުލަތުން ހިންގި ޖިނާޢީ ޖަރީމާގެ މައްސަލަ ބެލެންޖެހޭނެ: ޢަބްދުﷲ ރިޔާޟް
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ވެސް އަނބުރާ ލިބޭނެ ކަމަށާއި މަޖިލީހުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.
ޢަބްދުﷲ ރިޔާޟް މިއަދު ވިދާޅުވީ ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމްގެ މައްސަލައިގައި މިއަދު ސްޕްރީމް ކޯޓުން އިއްވި ޙުކުމުން 12 މެންބަރުންގެ ގޮނޑި ގެއްލުވައިލުމަކީ ރައީސް ޢަބްދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ހިންގުވާފައިވާ "ސްޓޭޓް ސްޕޮންސަރޑް ކްރައިމް"ގެ އަމަލެއްކަން ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެ ކަމަށެވެ. އެހެންކަމުން މިއީ ކޯޓުތަކަށް ހުށަހަޅައިގެން ބަލަން ޖެހޭނެ މައްސަލައެއް ކަމަށެވެ. "އެއީ ހިންގާފައިވާ ޖިނާޢީ ބޮޑު ކުށެއް."
ޢަބްދުﷲ ރިޔާޟް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ގުޅިފައިވާ ކޯލިޝަނަށް ލބުނީ ކަމަށާއި ދެން އެންމެ ރަނގަޅު ގޮތަކަށް ވާނީ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙަށް މަޖިލީހުގެ ކަންކަން މަޖިލީހުގެ ޢަވާއިދާއި އެއްގޮތަށް ކުރިއަށް ނުގެންދެވޭނަމަ އިސްތިއުފާ ދެއްވުން ކަމށެވެ. އިސްތިއުފާ ނުދެއްވާ ނަމަ މަޤާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
"ވަގުތު އެބައޮތް އަދިވެސް އިސްތިއުފާ ދެއްވަން. އެއީ ރީތި ގޮތަކަށް ދެންވެސް ވާނީ. ސަލާމަތީ ބާރުތަކަށް އިލްތިމާސްކުރަން ސަރުކާރުން ކުރާ ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަންނުވެ މެންބަރުންނަށް މަޖިލީހުގައި މަސއްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް."
12 މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގައި މަޖިލީހުގެ ރައީސްގެ ދައުރެއް އޮތްކަން ހާމަވެފައިވުމަކީ ވެސް އިސްތިއުފާ ދެއްވަން މަޞީޙަށް ޖެހިވަޑައިގަންނަވާ ސަބަބެއް ކަމަށްވެސް ޢަބްދުﷲ ރިޔާޟް ވިދާޅުވިއެވެ.