ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 3,000 އަށް ވުރެ ގިނަ މަޝްރޫޢު ހިންގަމުންދާ ކަމަށާއި، ދަރަނީގެ ބޮޑު ބައެއް އަދާކުރެވިފައިވާތީ ކުރިއަށް އޮތް އަހަރަކީ މަޝްރޫޢުތަކުގެ ޙަޤީޤީ ނަތީޖާ ރައްޔިތުންނަށް ފެނިގެންދާނެ އަހަރެއް ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ "ހަފްތާ 156" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، މިހާރު ކުރިއަށްދާ 3,000 އަށް ވުރެ ގިނަ މަޝްރޫޢުތަކުގެ ތެރޭގައި ބިޔަ މަޝްރޫޢުތަކުން ފެށިގެން އެންމެ އާދައިގެ ކުދި މަޝްރޫޢުތަކާއި، ކުޑަ ޚަރަދަކުން ރައްޔިތުންނަށް ބޮޑު މަންފާއެއް ކުރާނެ ފަދަ ކަންކަން ހިމެނޭ ކަމަށެވެ. އެގޮތުން ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން ޕޯޓު މަޝްރޫޢުގެ މިސާލު ދައްކަވަމުން، އެ މަޝްރޫޢު ނިމުމުން ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ބަޖެޓުގެ އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިއަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މިހާރު ހިންގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން %70 މަޝްރޫޢު ނިންމުމަށް ކަމަށެވެ. އަދި މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމަށްޓަކައި ވުޒާރާތަކުގައި ޚާއްޞަ ނިޒާމުތައް ޤާއިމުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަޑުމެން މިކަމަށް ވަރަށް ބޮޑަށް ފޯކަސް ކުރިން. ހުރިހާ މިނިސްޓްރީއެއްގައިވެސް އެބަހުރި. ހަމައެއާއެކު މާލީ ވުޒާރާގައި އަޅުގަޑުމެންގެވެސް އެބަހުރި ވަކި ސިސްޓަމެއްގެ ތެރެއިން ހިންގާ ނުހިންގާ ގޮތް ބެލުމަށް ޕްރޮޖެކްޓް މެނޭޖްމެންޓް ސިސްޓަމެއް މިވަނީ ޤާއިމްކުރަނީ. އެ ނިޒާމުގެ ތެރެއިން އަޅުގަޑުމެންނަށް އެބައެނގޭ ޕްރޮޖެކްޓްތައް ކުރިއަށްދާނެގޮތް އަދި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް އަޅުގަޑުމެން ކުރިއަށް ގެންދަން ޖެހިފައި އެބަހުރި،" ވަޒީރު ވިދާޅުވިއެވެ.
ދަރަނި އަދާކުރުމާއި ކުރިއަށް އޮތް އަހަރުގެ އަމާޒުތަކާ ގުޅޭގޮތުން ވަޒީރު އިތުރަށް ވިދާޅުވީ، ދަރަނީގެ ބޮޑު ބައެއް ދައްކައި ޚަލާޞްކުރެވިފައި ވުމަކީ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ. އަދި ޕީއެސްއައިޕީގެ އިތުރުން ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުން ކުރިއަށްގެންދާ މަޝްރޫޢުތައްވެސް މިހާރު ފަށައިގެން ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
"އެހެންވީމަ އަޅުގަޑު ބަޖެޓުގައިވެސް ފާހަގަކުރިހެން މިއަންނަ އަހަރަކީ އަޅުގަޑުމެންނަށް ވަރަށް ބޮޑަށް ނަތީޖާ ނެރެވޭނެ ފަދައިން މަސައްކަތް ކުރެވޭނެ އަހަރެއްގެ ގޮތުގައި އަޅުގަޑުމެން މިބަލަނީ. އަޅުގަޑުމެންގެ ދަރަނީގެ ވަރަށް ބޮޑު ބައެއް ދެއްކިފައި ހުރުމާއެކު އަޅުގަޑުމެން، މިއަންނަ އަހަރު ޕީއެސްއައިޕީއަށް ކުރެވޭ ޚަރަދުތައްވެސް، ބަޖެޓުގައިވެސް އިންނާނީ ހިމަނާފައި އިތުރަށް. އަދި މީގެ އިތުރަށް ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުންވެސް ޕްރޮޖެކްޓައް ހިންގާ. އެ ޕްރޮޖެކްޓައްވެސް މިހާރު ފެއްޓި، އެ ޕްރޮޖެކްޓުތަކުގެ ޕްރޮގްރެސް ފެންނަމުންދޭ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުން ޤާއިމުކޮށްފައިވާ ހަރުދަނާ އިންތިޒާމުތަކާއެކު މަޝްރޫޢުތައް ނިމި، އޭގެ ހެޔޮ ނަތީޖާ ވަރަށް އަވަހަށް ރައްޔިތުންނަށް ތަޖުރިބާކުރަން ލިބޭނެ ކަމަށެވެ.