މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫސިޓީ މަރަދޫގައި ހިންގި މާރާމާރީއާއި ގުޅިގެން މިއަދު އިތުރު ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މަރަދޫގައި ހިންގި މާރާމާރީއާއި ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މިއަދު އިތުރު ހަތަރު މީހުން ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިއަދު ހައްޔަރު ކުރެވިފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއި، އުމުރުން 20 އަހަރާއި 24 އަހަރާއި 26 އަހަރުގެ ތިން މީހެކެވެ.
ފޭދޫއިން މިމީހުން ހައްޔަރު ކުރެވިފައިވާއިރު މިމައްސަލައިގައި މިހާރު ޖުމްލަ 10 މީހުން ފުލުހުން ހައްޔަރު ކޮށްފިއެވެ. އޭގެ ތެރޭގައި އުމުރުން 17 އަހަރުގެ ތިން "ކުޑަ" ކުދިން ހިމެނެއެވެ.
މަރަދޫގައި ހިންގި މާރާމާރީގައި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިފައިވާއިރު، އޭގެ ތެރެއިން އެކެއްގެ ހާލު ވަރަށް ސީރިއަސް އެވެ. އުމުރުން 22 އަހަރުގެ މުޙައްމަދު އީވާން ނަމަކަށް ކިޔުނު ޒުވާނެއްގެ ކަރާއި ބުރަކައްޓާއި ބޮލަށް މިމާރާމާރީގައި ހަމަލާދީފައިވުމުގެ ސަަބަބުން އޭނާގެ ފުއްޕާމެއަށް ވެސް ވަނީ އަސަރު ކޮށްފައެވެ.
އީވާން އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫ އިން ފަރުވާ ދިނުމަށްފަހު، މިހާރު އޭނާވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗް އަށް ގެނެވިފައެވެ.