ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) ރައްކާތެރި ކޮށްދެއްވާނެ ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދަކީ ނަސްރުގެ ދުވަހަށްވެފައި، މިދުވަހުގެ މުނާސަބަތުގައި އިންތިހާބީ ރައީސްއަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ދަންނަވާ ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އަލަށް އުފެދޭ ސަރުކާރުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ހަރުދަނާ ފިޔަވަޅު އިންތިހާބީ ރައީސް އިބޫ އަޅުއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މީގެއިތުުރުން އެމަސައްކަތުގައި އެމަނިކުފާނަށް އެއްބާރުލުމާއި ތާއީދު ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ރައީސް މައުމޫން ދެއްވާފައިވެއެވެ.
"އަލަށް އިފެދޭ ސަރުކާރުން (މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެއްވުމަށް) ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަން ޔަގީންކޮށް، އެމަސައްކަތްފުޅުތަކަށް އަޅުގަނޑުމެން އެއްބާރުލުމާއި ތާއީދު ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިންތިހާބީ ރައީސަށް އަރުވަން" މިއަދުގެ މުނާސަބަތުގައި އިންތިހާބީ ރައީސަށާއި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ދަންނަވާ ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.