އިންތިޙާބީ ރައީސް އިބުރާޙިމް މުޙައްމަދު ޞާލިޙް އަދި އިންތިޙާބީ ނައިބު ރައީސް ފައިސަލް ނަސިމް ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ފަހެއް ޖަހާއިރު، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށް ދާއިރު، ކުރީގެ ރައީސް ޔާމިން ފިޔަވައި މިވަގުތު ދުނިޔޭގައި ތިއްބެވި ދިވެހިރާއްޖެގެ ހުރިހާ ރައީސުން އެ ރަސްމިއްޔާތުން ފެނިގެން ދާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެގިފައިވާ ގޮތުން ރައީސް ޔާމިން މި ރަސްމިއްޔާތުގައި ބައިވެރި ނުވުމަށް ނިންމަވާފައި ވަނީ ސަޕޯޓަރުންގެ އެދިލެއްވުމަކަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދާއި ހަމައަށް ރައްޔިތުންގެ ބޮޑު ހައްގެއް ގެއްލިފައިވާކަމަށާއި، އަދި އިންސާފު ނުލިބިފައިވާކަމަށް ގަބޫލުފުޅުކުރެވޭ ކަމަށެވެ. ހަމައެއާއި ވިދިގެން މުއާޒު ވިދާޅުވީ، އެހެންވެ އެމަނިކުފާނަށް ތާއިދު ކުރައްވާ ފަރާތްތަކުގެ އެދުމުގެ މަތިން އިބޫ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިނުގަތުމަށް ނިންމާފައިވާކަމަށެވެ.
ރައީސް ޔާމިންގެ މި ނިންމެވުމަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ގިނަ ބަޔަކު ސިފަކުރަނީ މިއީ ވަރަށް ފިނޑި ނިންމެވުމުގެ ގޮތުގައެވެ.
މި ރަސްމިއްޔާތު ވެގެންދާނީ ރާއްޖޭގެ ގިނަ ރައީސުން އެއްތަނަކުން ފެންނަ އަދި މިހާ ކުލަގަދަކޮށް ބޭފުޅަކު ރައީސްކަމުގެ ހުވާކުރެއްވުމަށް ބައްވާ ފުރަތަމަ ރަސްމިއްޔާތަށެވެ.