ޢީދަކީ އިސްލާމީ އުންމަތަށް ﷲ ތަޢާލާ ދަރުމަ ކުރައްވާފައިވާ ނިޢުމަތެއް ކަމަށްވާއިރު ޢީދުގެ އުފާވެރިކަން ފާޅުކުރުން އޮންނަން ވާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އިމުގެ ތެރޭގައި ކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ އަޚުލާޤާއި ސަޤާފަތާއި ތަޢާރުޟު ނުވާގޮތަށް ޢީދުގެ އުފާވެރިކަން ފާޅުކުރުމަށް ލޮބުވެތި އަޚުންނާއި އުޚުތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ޑރ. ޝަހީމް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު ނިމިގެންދިއަ ވެރިކަމުގައި ޢީދު ފާހަގަކުރަން ބޭއްވި ބައެއް ޝާތަކުގައި ޔޫރަޕްގެ ނައިޓް ކްލަބްތަކުން ފެންނަ ފަދަ ބައެއް ކަންކަން ވަނީ ފެނިފައެވެ. އެއްޖިންސުން ގުޅުން ހިނަގާކަމަށް މަޝްހޫރުވެފައިވާ އަންހެނުން ރަށްރަށަށް ގެންގޮސްގެންވެސް ވަނީ ޝޯތައް ބާއްވައިފައެވެ.
އެހެންކަމުން ޢީދު ފާހަގަކުރުމަކީ ދެޖިންސުން މަސްހުނިވެ ބާއްވާ ނާޗަރަންގީ ޝޯތަކަކަށް ހެދުމުގެ ޘަޤާފަތް ނައްތާލަން އެންމެންގެ އެއްބާރުލުމަށް ބޭނުންވެފައިވާކަން ފާހަގަކުރެވެއެވެ.
ޢީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަ ކުރައްވާފައިވާ ނިޢުމަތެއް. ޢީދުގެ އުފާވެރިކަން ފާޅުކުރުން އޮންނަން ވާނީ ﷲ ރުހިވޮޑިގަންނަވާ އިމުގެ ތެރޭގަ. އިސްލާމީ އަޚުލާޤާއި ސަޤާފަތާ ތަޢާރުޟު ނުވާގޮތައް ޢީދުގެ އުފާވެރިކަން ފާޅުކުރުމަށް ލޮބުވެތި އަޚުންނާއި އުޚުތުންނަށް އިލްތިމާސްކުރަން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 17, 2024